ޚަބަރު

ކ. މާފަޅު ކައިރިއަށް ޑައިވިންއަށް ފޭބި ދެ ބިދޭސީން ކަނޑުމަތީގައި ތިއްބާ ފެނިއްޖެ


ކ. މާފަޅު ކައިރިއަށް ޑައިވިންއަށް ފޭބި ދެ ބިދޭސީން ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެއެވެ.

ހެލެނގެލި އައިލެންޑް ރިސޯޓްގެ އުތުރުން އޮންނަ މާލެ އަތޮޅު މާފަޅުގައި ތަރައްޤީކުރާ ރިޒޯޓް ހެދުމުގައި ހަރަކާތްތެރިވާ އެ ދެމީހުން ޑައިވިންއަށް ދިޔަފަހުން ޚަބަރެއް ނުވެގެން މިއަދު 14:35 ހާއިރު ރިޕޯޓްކުރުމާއި ގުޅިގެން އެދެ މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑްގެ ޑައިވަރުން ފެށިއެވެ.

އެމްއެންޑީއެފުން ބުނީ އެ ދެމީހުން ކަނޑުމަތިން ފެނުނީ ހެލެނގެލި ރިސޯޓްގެ ލޯންޗަކަށްކަމަށާއި، ފެނުނު އިރުވެސް ހާލު ރަނގަޅުކަމަށެވެ.

މިއީ މިއަހަރު ފެށުނު ފަހުން ކަނޑަށް މީހުން ގެއްލިގެން ރިޕޯޓް ކުރެވުނު މިފަދަ ތިން ވަނަ ހާދިސާއެވެ. މިއަދު ގެއްލުނު 2 މީހުން ފެނުނުނަމަވެސް މިހާރުވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކ. ކަގި ކައިރިއަށް ފަރަށް އަރާފައިވާ، "ޓީ.ޓީ.އެސް ފާން" ދޯނީގެ ކެޕްޓަން، ކުޅުދުއްފުށީ ހަވީރީނާޒް، މުޙައްމަދު ޔޫސުފް (37އ) ގެއްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތާއި، ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ކަނޑަށް ގެއްލުނު ބ.އޭދަފުށީ މުޝްތަރީގޭ ނަސްރުﷲ ޢަބްދުﷲ ހޯދުމުގެ މަސައްކަތްވެސް ހުއްޓާނުލާ ކުރަމުންނެވެ.