ޚަބަރު

އަލަށް 12 މިސްކިތް ބިނާކުރުމާއި، 10 މިސްކިތެއް އޭސީކުރުމުގެ މަސައްކަތްދަނީ ކުރަމުން - އިސްލާމިކް މިނިސްޓްރީ


މިސްކިތްތައް ހިންގުމުގެ ނިޒާމާއި، މިސްކިތްތަކުގެ ކަންކަން ހަރުދަނާ ކުރުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދީނީ ދާއިރާއިން ވެވަޑައިގެންނެވި ވަޢުދާއެއްގޮތަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންވެ. އެގޮތުން މުޅިން އަލަށް 12 މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތްދަނީ ކުރަމުންދާއިރު، 10 މިސްކިތެއް ޢިއާދަކުރަނިވި ހަކަތަބޭނުންކޮށްގެން އޭސީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މިވީ މުއްދަތުގެ ތެރޭގައި ދަނީ ރާއްޖޭގައި މިސްކިތްތައް އެންމެ ބޮޑަށް ބޭނުންވެފައިވާ ރަށްރަށުގައި އަލަށް މިނިސްކިތް އިމާރާތްކުރުމުގެ މަސައްކަތްކުރަމުންނެވެ. އިސްލާމިކް މިނިސްޓްރީގެ އައުޤާފް އެންޑް އިންފްރާސްޓްރަކްޗަރ ސެކްޝަނުން މިސްކިތްތަށް އިމާރާތް ކުރުމާއި މިސްކިތްތަކުގެ މަރާމާތަށްޓަކައި ކުރަންޖެހޭ ޓެކްނިކަލް އެންމެހާ މަސައްކަތްތައް ދަނީ ކުރަމުންންވެެ.

އެ ގޮތުން އެކި ރަށްރަށުގައި އަލަށް ޢިމާރާތްކުރެވޭ 12 މިސްކިތަށް 75,196,119.78 ރ. (ހަތްދިހަ ފަސްމިލިއަން އެއްލައްކަ ނުވަދިހަ ހަހާސް ) ކަނޑައަޅައި، މިސްކިތްތައް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވިއެވެ. އޭގެ ތެރެއިން ގއ. ދެއްވަދޫގައި ޢިމާރާތްކުރާ މިސްކިތުގެ މަސައްކަތްވަނީ އެއްކޮށް ނިންމާލެވިފައެވެ.

މިހާރު ބިންގާ އަޅައި 8 ރަށެއްގެ މިސްކިތުގެ މަސައްކަތްކުރަމުންދާއިރު، މީގެ ތެރޭގައި ހިމެނެނީ ނ. މަގޫދޫ، އދ. ދަނގެތި، ށ. ފުނަދޫ، ލ. ފޮނަދޫ، ރ. ވާދޫ، ނ. ލަންދޫ، އއ. ބޮޑުފުޅަދޫގެ އިތުރުން ލ. ކަލައިދޫއެވެ.

މީގެ އިތުރުން ރައީސް އިބްރާޙިމް މުޙައްދު ޞާލިޙް ވެރިކަމާއި ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ބިންގާއެޅުއްވި ނ. ކެނދިކުޅުދޫ މިސްކިތް މިހަފްތާގައިވަނީ ހުޅުވާފައެވެ. އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެން ހެދި އެމިސްކިތަކީ 550 މީހުންގެ ޖާގައިގެގެ މިސްކިތެކެވެ. ރަށްރަށުގެ އިތުރުން މާލޭގައި ހަދަމުންދާ ބައެއް މިސްކިތްތަކުގެ މަސައްކަތް ލަސްވަމުންދާތީ އިސްލާމިކް މިނިސްޓްރީންވަނީ އެ މިސްކިތްތަކުގެ ކޮންޓްރެކްޓަރުންނާއި ބައްދަލުކޮށް، މަސައްކަތް އަވަސްކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މިިގޮތުން މާވެޔޮ މިސްކިތް ނުވަތަ މަސްޖިދުލް ބަހާއުއްދީނުގެ މަސައްކަތް ނިންމައި އަންނަ ރަމަޟާންމަހު ނަމާދުކުރަން ފެށޭވަރު ކުރުމަށް މަސައްކަތްކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މާފަންނު އައު މިސްކިތް އިމާރާތްކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އޭސީކުރުމަށް ފެށި މަޝްރޫޢުގެ ދަށުން އެމަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 10 މިސްކިތެއް ޢިއާދަކުރަނިވި ހަކަތަބޭނުންކޮށްގެން އޭސީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.
މިމަޝްރޫއަށް 570,323,16.00 ރ ( ފަސްމިލިއަން ހަތްލައްކަ ތިރީސް ދެހާސް ރުފިޔާ) ގެ ބަޖެޓް އެހަމަޖެހިފައިވެއެވެ.