ސިޔާސީ ޕާޓީތަކުގެ ދަފްތަރު ގަޑުބަޑުކޮށްފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރަކާއި ކުރީގެ ބައެއް މެންބަރުން ހިމެނޭހެން އެހެން ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ތިބި ބަޔެއްގެ ނަން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށް ބުނެ އެފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނިކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ އެކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ވަނީ ގަޑުބަޑުކޮށްފައި ނޫންކަމަށެވެ.
އީސީން ވިދާޅުވީ، ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރަނީވެސް އަދި އެދަފްތަރުން ނަން އުނިކުރަނީވެސް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށްކަމަށެވެ.
މިކަމާއި ގުޅިގެން ނުރުހުން ފާޅުކުރާ ބައެއް ފަރާތްތަކުން، ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ޓިކެޓްދޭނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީއާ ދިމާކޮށް އެޕާޓީއަށް ނުގަވާއިދުން މީހުން ވައްދާކަމަށް ތުހުމަތުކުރާއިރު، ޕްރައިމަރީތަކުގައި ވާދަކުރާ ކެންޑިޑޭޓުން، އިންތިޚާބު ކާމިޔާބު ކުރަން ޕާޓީ އަށް މީހުން ވެއްދުމުގެ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީތަކށްވެސް ދީ އޭގެ ބޭނުން ޕާޓީތަކުން ދަނީ ހިފަމުންނެވެ. ނަމަވެސް އެމެންބަރުން ޕާޓީތަކުގެ ދަފްތަރުގައި ރަސްމީކޮށް ހިމަނާނީ މެންބަރޝިޕް ފޯމްތައް އިލެކްޝަންސް ކޮމިޝަނުން ޕްރޮސެސްކޮސް ނިންމުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 5 ވަނަ ދުވަހުވަނީ 2019 ވަނަ އަހަރުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންގެ ތާފާސް ހިސާބުތައް އާންމުކޮށްފައެވެ. އެހިސާބުތައް ދައްކާގޮތުންސިޔާސީ އެންމެ ބޮޑު 2 ޕާޓީ، ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް މެންބަރުން ބޮޑުތަނުން މެންބަރުން އިތުރުނުވާކަން ވަނީ ހާމަވެފައެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަދި މިހާރު ތިންވަނަ އަށް އެންމެ މެންބަރުން ގިނަ ޖުމްހޫރީ ޕާޓީގައި 31 ޑިސެމްބަރު 2019 ގެ ނިޔަލަށް 11072 މެންބަރުން ތިބިކަން ވަނީ ހާމަކޮށްފައެވެ. މިއާއެކު ކުރިން އެޕާޓީގައި ތިބި މެންބަރުންގެ އަދަދަށްވުރެ 1737 މެންބަރުން އިތުރުވެފައިވާކަން ހާމަވެއެވެ.