ޚަބަރު

ކަނޑުމަތީގެ ދެ ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓައެއް ނުލަން - އެމްއެންޑީއެފް


މާލެ އަތޮޅު ކަގި ކައިރިން ފަރަށް އެރި "ޓީ.ޓީ.އެސް ފާން" ދޯނީގެ ކެޕްޓަން، ހޯދުމުގެ މަސައްކަތް ހުއްޓާނުލައި އަދިވެސް ކުރިއަށްގެންދާކަމަށް އެމްއެންޑީއފުން ވިދާޅުވެއްޖެއެވެ.

ފަރަށް އެރި ދޯނީގެ ކެޕްޓަން، ހދ. ކުޅުދުއްފުށީ ހަވީރީނާޒް، 37 އަހަރުގެ މުޙައްމަދު ޔޫސުފް ގެއްލުނު ކަމުގެ މައުލޫމާތު ލިބުނީ މިމަހުގެ 6 ވަނަ ދުވަހުގެ ހެނދުނުކަމަށާއި، އެ ހިސާބުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑިއެފުން ވިދާޅުވެއެވެ.

ވައިގެ މަގުންނާއި ކޯސްޓްގާޑުގެ ލޯންޗު ތަކުން ކަނޑުގެ ސަރަހައްދު ބަލަމުން ގެންދާއިރު، އެސަރަހައްދަށް ކޯސްޓްގާޑުގެ ޑައިވަރުން ފީނައިގެން ކަގި ފަރުގެ ކަނޑު އޮޅި ހިމެނޭ ސަރަހައްދު ބެލިބެލުމުން ކޯސްޓްގާޑްގެ ޑައިވަރުންނަށް އެސަރަހައްދުން ޑަސްބިން ކޮތަޅަކަށް ލާފައި އޮތް ވަޅި އަކާއި، ފޯނެއްގެ ބައިތަކާއި އަދި ބައެއް އެހެން ތަކެތި މިމަހުގެ 9 ވަނ ަދުވަހު ފެނިފައިވާކަން އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

އެމްއެންޑިއެފުން ވިދާޅުވީ މިތަކެތި ފެނިފައި ވަނީ އެސަރަހައްދުގެ ކަނޑުގެ 40 މީޓަރަށް ވުރެ ފުނުން ކަމަށެވެ.

އަދި 48 މީޓަރު ފުނުން ތުވާލި ގަނޑެއްވެސް ޑައިވަރުންނަށް ފެނިފައިވާ ކަމުގައި އެމްއެންޑިއެފުގެ މީޑިއާ އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވަނީ ވިދާޅުވިއެވެ.

އެތުވާލި ގަނޑުގައި ހުރީ ލޭގެ އަސަރުކަމަށް ލަފާ ކުރެވޭ އިރު، ފެނުނު ތަކެތި ވަނީ ތަހުޤީޤުގެ ބޭނުމަށް ފުލުހުންނާއި ހަވާލުކޮށްފައެވެ.

މި ހާދިސާ އާއި ގުޅޭ ގޮތުން ސުވާލުތަކެއް އުފެދިފައި ވާއިރު، އެމައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.

މީގެ އިތުރުން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި މިޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި، ބ ދޮންފަނު ކައިރިން ކަނޑަށް ގެއްލުނު ބ. އޭދަފުށީ މުޝްތަރީގޭ ނަސްރުﷲ ޢަބްދުﷲ ހޯދުމަށް ސިފައިން ހިންގާ އޮޕަރޭޝަން ވެސް ހުއްޓާނުލާ ކުރިއަށްގެންދާކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ބ. ދޮންފަނާއި ހަނިފަރާއި ދެމެދުން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ކަނޑަށް ގެއްލުނު ނަސްރުއްﷲ އަބުދުﷲ މިހާތަނަށް ފެނުފައި ނުވިނަމަވެސް އޭނާ ދަތުރުކުރި ޑިންގީވަނީ ފެނިފައެވެ.