ވިޔަފާރި

ޗައިނާގެ އެންމެ ބޮޑު 3 ސިޓީގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ފަށައިފި


ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ އެންމެ ބޮޑު ޤައުމުކަމަށްވާ ޗައިނާގެ އެންމެ ބޮޑު ތިން ސިޓީގައި ރާއްޖެ އިޝްތިހާރުކުރުމަށް އައުޓްޑޯ ކެމްޕެއިނެއް އެމްއެމްޕީއާރުސީން ފަށައިފިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގެ އިތުރުން ގުއަންޒޯ އަދި ޝަންހާއީގައި ކުރިއަށްގެންދާ މި ކެމްޕޭނުގެ ދަށުން ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް ޗައިނާގެ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރެވިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެގޮތުން ބެއިޖިންގެ އެންމެ ބޮޑެތި އޮފީސް އިމާރާތްތަކުގައި ހިމެނޭ ދެހާސް ލެޑް ސްކްރީންތަކާއި ގުއަންޒާގެ އެންމެ ބޮޑު ފަސް ޝޮޕިން މޯލްގެ ބޭރުގައި ބެހެއްޓިފައިވާ ބޮޑެތި ލެޑް ސްކްރީންތަކުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ވީޑިއޯ އިޝްތިހާރުތައް މި ކެމްޕެއިންގެ ދަށުން ދައްކަމުންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި ޝަންހާއީގެ އެންމެ ބާރުބޮޑު އަދި ދުވާލެއްގެ މައްޗަށް ދޮޅުލައްކަ މީހުން ބޭނުންކުރާ މެޓްރޯ ސްޓޭޝަންގައި ބެހެއްޓިފައިވާ ހަތް ލެޑް ސްކްރީނެއްގައި ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުރި ކަންކަން އިޝްތިހާރު ކުރެވިގެންދާނެކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

ޗައިނާ މާކެޓްގައި ރާއްޖެ އިޝްތިހާރުކުރުމަށް މިއަހަރު ހިންގާނެ ހަރަކާތްތަކުގެ ތެރޭގައި ދެ ފެއާއެއްގައި ބައިވެރިވުމާއި 2 ރޯޑް ޝޯ ބޭއްވުމުގެ އިތުރުން މިޑިއާ އަދި ސެލެބްރިޓީ ފެމިލިއަރައިޒޭޝަން ޓްރިޕް ހިމެނޭކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މީގެއިތުރުން ޑިޖިޓަލް މީޑިއާ ކެމްޕެއިންތައްވެސް އެ މާކެޓަށް އަމާޒުކުރެވިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

މިދިޔަ އަހަރުވެސް ޗައިނާގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔައެވެ. އެގޮތުން ޗައިނާ އައުޓްބައުންޑް ޓްރެވަލް ޓޫރިޒަމް މާކެޓް ފެއާގައި ބައިވެރިވުމުގެ އިތުރުން ބެއިޖިން، ޝަންހާއި،ގުއަންގްޒޯ އަދި ޗެންޑޫގައި ވަނީ ރޯޑް ޝޯތައް ބާއްވާފައެވެ. އަދި ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ވީޗެޓް އަދި ވެއިބޯގައި ވަނީ ރާއްޖޭ ޕްރޮމޯޓްކުރުމުގެ އޮންލައިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޗައިނާއިން މިދިޔަ އަހަރު ރާއްޖެއަށް ދެ ލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއާއެކު ޗައިނާ ވެފައިވަނީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަށެވެ. 2019 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކާމިޔާބު އަހަރެވެ.

ސަރުކާރުން ކަނޑައެޅި 1.5 މިލިއަން ފަތުރުވެރިންގެ ޓާގެޓަށް، ކަނޑައެޅި ތާރީހަށް ވުރެން 38 ދުވަސްކުރިން ވަނީ ވާސިލްވެފައެވެ. އެވެ. އަދި ޑިސެމްބަރުގެމަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.7 މިލިއަން ފަތުރުވެރިންނަށް އިތުރުވެފައެވެ.