ޚަބަރު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަޝިއާ އާއި އެސްޓޯނިއާގެ ފޮރިންގ މިނިސްޓަރާއި ބައްދަލުކުރައްވައިފި


ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ރަޝިޔާގެ ޚާރިޖީ ވަޒީރު، ސަރްގޭ ލަވްރޯވް އާއި އެސްޓޯނިއާގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ ނިއުދިއްލީގައި މިހާރުކުރިއަށްދާ ރައިސީނާ ޑައިލޮގް 2020 ގެ ހަވާސާގައި މިނިސްޓަރ ޝާހިދު ގެންދަވަނީ އެކި ޤައުމުތަކުގެ ވަޒީރުންނާއި އެކު ބައިލެޓްރަލް ބައްދަލުވުންތައް ބާއްވަވަމުންނެވެ.

ދިއްލީގެ ތާޖް ޕެލަސް ހޮޓެލްގައި ބޭއްވި މިބައްދަލުކުރެއްވުންތަކުގެ ތެރެއިން، ރަޝިޔާގެ ޚާރިޖީ ވަޒީރާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މިދިޔަ އަހަރު ފޮރިން މިނިސްޓަރ ޝާހިދު ރަޝިޔާއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކާިއ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީއިތުރުން އެސްޓޯނިއާގެ ޚާރިޖީ ވަޒީރު، އުރުމަސް ރެންސާލޫ އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ދިވެހިޜާއްޖެ އާއި އެސްޓޯނިއާ އާއި ދެމެދު މިހާރަށްވުރެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އާއިޝަތު މުޙައްމަދު ދީދީ އާއި، ޑެޕިއުޓީ އެންބެސަޑަރު، މިބައްދަލުކުރެއްވުންތަކުގައި މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާގެ ޚާރިޖީޔާއާއި އެޤައުމުގެ އޮބްޒަރވާ ފައުންޑޭޝަން ގުޅިގެން ބާއްވާ ރައިސީނާ ޑައިލޮގް އިއްޔެ ފަށާފައި ވާއިރު، މިބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ހަވީރު ތަޤުރީރުކުރައްވުމަށް ވަނީ ހަމަޖެހިފައެވެ.