ޚަބަރު

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު 6 މަޝްރޫޢެއް ފަށަން ތައްޔާރުވަނީ


އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު ހަ މަޝްރޫޢެއް ކުރިއަށްގެންދިއުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވެފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

"ރައިސީނާ ޑައިލޮގް 2020" ގައި ބައިވެރިވުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، އެމަނިކުފާނު މިފަހަރު މިކުރެއްވި ދަތުރުފުޅުގައިވެސް އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރެވުނުކަމަށާއި، އެބައްދަލުވުމުގައި ރާއްޖޭގެ ހަލަތާއި، މަޝްރޫޢުތައް ހިންގަމުންދާގޮތް އެމަނިކުފާނު އޮޅުންފިލުއްވިކަމަށެވެ.
އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ދެޤައުމުގެ އިސް ވެރިންވެސް ޚާއްސަ އަހަންމިއްޔަތެއް ދެއްވާކަން ފާހަގަކުރައްވަމުން ފޮރިން މިނިސްޓަރ ވިދާޅުވީ، ދިވެހި ރައްޔިތުންގެ ހެވާލާބައަށް ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން މިފަހަރުވެސް ބޮޑުވަޒީރު މޯދީ ދެއްވިކަމަށެވެ.

"އަޅުގަނޑު މިފަހަރު މި ދަތުރު ނިންމާފައި މާލެ ދިއުމާއެކު އިތުރު 6 ޕްރޮޖެކްޓެއް. އެއީ އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގަން ކަނޑައަޅާފައިވާ ހަ ޕްރޮޖެކްޓެއްގައި ސޮއިކޮށް، އެމަޝްރޫޢުތައް ހިންގުމުގެ ކަންތައްތައް ހިނގައިގަންނާނެ" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވުމާއެކު ރާއްޖެއާ އިންޑިއާއާދެމެދު އޮންނަ ގުޅުން ރަނގަޅުކޮށް އިންޑިއާއިން ވަނީ ރާއްޖޭގައި އެކި އެކި މަޝްރޫޢުތައް ހިންގުމަށް ބޮޑެތި އެހީތަކެއް ދެއްވާފައި. މިގޮތުން ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައި މިހާރުވެސް ދަނީ މަޝްރޫޢުތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި ކޮމިއުނިޓީ ސެންޓަރު ގާއިމުކުރުމާއި އައިސް ޕްލާންޓްތަކުގެ އިތުރުން ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހަބިލިޓޭޝަން ސެންޓަރުތަކާއި، މާލޭއާއި ރާއްޖޭގެ ބައެއް ރަށްރަށުގައި މަގު ބައްތި ޖެހުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.

ރައިސީނާ ޑާއިލޮގްގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާއަށްކުރެއްވި ދަތުރުފުޅުގައިވަނީ އިންޑިއާގެ ބޮޑުވަޒީރުގެ އިތުރުން އެޤައުމުގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރާއި، ފޮރިން ސެކްރަޓަރީގެ އިތުރުން އިންޑިއާގެ ފުރަތަމަ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނަރަލް ބިޕިން ރާވަތުއާ ބައްދަލުކުރައްވައި ގުޅުންހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައެވެ.