ވިޔަފާރި

ޓްރެވެލް އެޖެންސީތަކުގެ އަހަރީ ރިޕޯޓް މިމަހު ހުށަނާޅައިފިނަމަ ހުއްދަ ބާތިލްކުރަނީ


ރާއްޖޭގައި ހިންގާ ޓްރެވެލް އެޖެންސީތަކުގެ އަހަރީ ރިޕޯޓް ހުށައެޅުމަށް ޓޫރިޒަމް މިނިސްޓްރީން އެދިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގައި ހިންގާ ހުރިހާ ޓްރެވެލް އެޖެންސީތަކަކުން 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މިމަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށައަޅަންޖެހޭނެކަމަށެވެ.

މި މުއްދަތުގައި އަހަރީ ރިޕޯޓް ހުށަނާޅާ ފަރާތްތަކަށް އެ މިނިސްޓްރީން ދޫކޮށްފައިވާ ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބާޠިލު ވާނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

"ދިވެހިރާއްޖޭގައި ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައިހިންގުމުގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު" ގެ 8 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހެއެވެ.

ގަވާއިދުގައިވާ މުއްދަތުގެ ތެރޭގައި އަހަރީ ރިޕޯޓް މިމިނިސްޓްރީއަށް ހުށަހަޅާފައި ނުވާނަމަ އެކުންފުންޏަކަށް ދޫކޮށްފައިވާ ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައިހިންގުމުގެ ހުއްދަ ބާޠިލްކުރެވޭނެކަމަށްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.