ކުޅިވަރު

މިހާރު އޮތް ޙާލަތުން އަރައިގަނެވޭނީ ކްލަބްތައް އެއްބައެއްގެ ގޮތުގައި މަސައްކަތްކޮށްގެން: ސްޕޯޓްސް ކޮމިޝަނަރ


ފުޓްބޯޅަ ކުލަބްތައް އެއްބައެއްގެ ގޮތުގައި މަސައްކަތްކޮށްގެން ނޫނީ މިހާރު ދިވެހި ފުޓްބޯޅަ މިއޮތް ހާލަތުން އަރައި ނުގަނެވޭނެކަމަށް ސްޕޯޓްސް ކޮމިޝަނަރ ހީނާ އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ދިވެހި ފުޓްބޯޅައަށް ގިނަ ޙިދުމަތްތަކެއް ކޮށްދީފައިވާ އަދި ގިނަ އަހަރުތަކެއް ވަންދެން ކުޑަކުދިންނަށް ފުޓްބޯޅަ ދަސްކޮށްދިނުމުގައި މަސައްކަތްކޮށްފައިވާ ހީނާ އަހުމަދު ސަލީމް ޕީއެސްއެމްއިން ނިއުސްއިން ގެނެސްދިން އެކްސްކުލޫސިވް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ 90އިގެ ކުރީގެ ކޮޅުގައި ރާއްޖޭގެ ފުޓްބޯޅައިގައި އޮތް ފޯރި އަލުން ގެނައުމަށް ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭކަމަށާއި ކުރިން ކުލަބްތަށް ހިންގަމުން އައިސްފައިވަނީ ފުޓްބޯޅައަށް އޮތް ލޯތްބެއްގެ ބޮޑުކަމުންކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދަށަށްގޮސް، ކުޅުންތެރިންނަށް މުސާރަ ނުދެވިގެން ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ދެ ކުލަބް ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްއާއި ވިކްޓްރީ ސްޕޯޓްސް ކުލަބްވަނީ ސަސްޕެންޑްކޮށްފައެވެ. މިދެ ކުލަބް ސަސްޕެންޝަންގައި އޮތްއިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ގިނަ ކުލަބްތަކުން މިހާރުވެސް ކުޅުންތެރިންނަށް މުސާރަ ނުދޭކަމުގެ ޝަކުވާތަށްވަނީ ގިނަވެފައެވެ. އަދި ބައެއް ކުޅުންތެރިންނަށް މުސާރަ ނުދީގެން އެފްއޭއެމްއަށްވެސް މައްސަލަ ލާފައިވެއެވެ.

ސްޕޯޓްސް ކޮމިޝަނަރ ހީނާ އަހުމަދު ސަލީމް ވިދާޅުވީ ކުރިން ފުޓްބޯޅަ ދެކެ މީހުން ވީ ލޯބި މިހާރު ފޫހިކަމަކަށް ބަދަލްވެފައިވާކަމަށާއި ކުލަބްތަކުގެ ހިންގުން ދޯދިޔާވެ، ފުޓްބޯޅަ ބަލަން ދަނޑަށް ވަންނަ މީހުންގެ އަދަދުވެސް ވަރަށް ބޮޑުތަން މަދުވެފައިވާކަމަށެވެ. ކޮމިޝަނަރ ވިދާޅުވީ ފުޓްބޯޅަ ކުލަބްތައް ހިންގަންވާނީ ޓީމެއްގެ ގޮތުގައިކަމަށާއި ކުލަބަކާއި ހަވާލްވުމަށްފަހު، ފުޓްބޯޅައަށް ހެޔޮއެދިގެން މަސައްކަތް ކުރުން މުހިންމުކަމަށެވެ.