އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކޮށް ދަރިވަރުންނަށް ވަށާ ޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމަކީ އެއްގޮތަކަށްވެސް ދަރިވަރުން މުޅި ދުވަހު ސްކޫލްގައި ބައިތިއްބާ އެކުދިން ފޫހިވާ ވަރަށް ކިޔަވައިދިނުމެއްނޫނެވެ. ދަރިވަރުންނަށް ވަށާ ޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމަކީ ދަރިވަރު ކޮންމެވެސް އެއްވަގުތެއްގައި ސްކޫލްއަށް ގޮސް އެދުވަހަށް ފިލާވަޅުތަކާއި އިތުރު ހަރަކާތްތައް އެ ގަޑީގައި ކޮށްނިންމުމެވެ.
ވަށާ ޖެހޭ ތަޢުލީމެއް ނުވަތަ އެއްދަންފަޅިއަށް ކިޔަވާ ދޭ ސްކޫލްތަކުގެ ދަރިވަރުންގެ ސްކޫލްތަކުގެ ކިޔެވުން ފެށޭ ގަޑިއަކީ ހެނދުނު އަށެއް ޖަހާއިރުއެވެ. އަދި ކޮންމެ ދުވަހަކުވެސް ދަރިވަރުން ކިޔަވަން ފަށާނީ ހެނދުނުގެ ނާސްތާ ސްކޫލުން ނެގުމަށް ފަހުއެވެ. 12 ޖަހަންދެން މާއްދާތައް ކިޔެވުމަށް ފަހު މެންދުރު ނަމާދު އެކުދިން ކުރާނީ ސްކޫލްގައެވެ. އަދި އެއަށް ފަހު އިތުރު ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވުމަށްފަހު އެކުދިން ގެއަށް ދާނީ ސްކޫލުން މެންދުރުގެ ކެއުންވެސް ކައިގެންނެވެ.
މިގޮތަށް އެއް ދަންފަޅިއަށް ކިޔަވައިދނުމަކީ ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި މުދައްރިސުންނަށްވެސް ލުއި ފަސޭހަވެގެންދާނެ ގޮތެކެވެ. އެއް ދަންފަޅިއަށް ކިޔަވާދޭ ސްކޫލްތަކުގައި މެންދުރުގެ ކެއުން ކައިގެން ގެއަށްދާ ވާހަކަ ބުނުމުން ބައެއް މީހުން މިކަމަށް ޖޯކުވެސް ޖަހާފާނެއެވެ. އެހެންނަމަވެސް މިއީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި މިގޮތަށް ކިޔަވައިދޭ ސްކޫލްތަކުގައި ކަން ހިނގާ ގޮތެވެ.
އަދި މިއީ އެއްދުވަސްވަރެއްގައި ރާއްޖޭގެ އަތޮޅުތަކުގެ ސްކޫލްތަކުގައިވެސް ކަންކޮށްފައިވާގޮތެކެވެ. ސްކޫލް ނިމޭ ގަޑިއަށް ދަރިވަރުންނަށް މެންދުރުގެ ކެއުން ހިފައިގެން ބެލެނިވެރިން ދާ މަންޒަރު ފެނެއެވެ. ސްކޫލް މާހައުލުގައި އެކުވެރިންނާއެކު ހެނދުނުގެ ނާސްތާއާއި އިސްލާމްދީނުގެ ރިވެތި އަޅުކަންތައް ކުރުމާއެކު މެންދުރުގެ ކެއުން ކާލެވުމަކީ ދަރިވަރަށްވެސް ލިބޭނެ ހިތްހަމަޖެހުމަކަށް ވެގެންދާނެއެވެ.
އެއްދުވަސްވަރެއްގައި ރާއްޖޭގެ ސްކޫލްތައް އެއްދަންފަޅިއަށް ހިންގިނަމަވެސް އެންމެ އެދެވޭ ގޮތެއްގައި އެކަން ހިންގިފައެއް ނެތެވެ. އެހެންނަމަވެސް އަނެއްކާވެސް މިއަދުގެ ސަރުކާރުން މިވަނީ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކޮށް ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމަށް އަމާޒު ހިފާފައެވެ. މިގޮތުން މިއަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުމާއެކު މިވަނީ މިކަމަށް ޚާއްސަ ސްކޫލް، އިއްޒުއްދީން ސްކޫލް 209 ދަރިވަރުންނާއެކު ހުޅުވާފައެވެ.
މި ސްކޫލުން ދަރިވަރުންނަށް ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް ސްކޫލްގެ ޕްރިންސްޕަލް ހުރީ ވަރަށް ފޮނި އުއްމީދުތަކަކާއެކުގައެވެ. އެ ސްކޫލަކީ މާލެ ސަރަޙައްދުގައި ހުރި އެންމެ ކާމިޔާބު ސްކޫލަށް ހެދުމަށް އެ ސްކޫލްގެ ޕްރިންސިޕަލާއި ސްކޫލްގެ ވެރިން ތިބީ ތައްޔާރަށެވެ. ސްކޫލްގެ ދަރިވަރުން 8 ޖަހާއިރު ސްކޫލަށް ގޮސް ހެނދުނުގެ ނާސްތާ ނެގުމަށްފަހު އެސެމްބްލީގައި ބައިވެރިވެއެވެ. އެއަށްފަހު ފިލާވަޅުތައް ކިޔުމާއި ދަސްކުރުމުގައި ހަރަކާތްތެރިވާނެއެވެ. އަދި ބާރަޖަހާއިރު މެންދުރު ނަމާދަށްފަހު އެކެއް ޖަހާއިރު އެކި ދަރިވަރުން އެކި ހަރަކާތްތަކުގައި ބައިވެރިވުމަށްފަހު މެންދުރުގެ ކެއުމާއެކު އެކުދިން ގެޔަށް ދާނީ ދެގަނޑި ސާޅީހުގައެވެ.
ދަރިވަރުންނަށް މެންދުުރުގެ ކެއުން ގެނެސްދެނީ ދަރިވަރުންގެ ބެލެނިވެރިންނެވެ. އެހެންނަމަވެސް އެ ސްކޫލުން ނިންމާފައިވަނީ އަންނަ މަހު ސްކޫލްގައި ކެންޓީނުގެ ޚިދުމަތް ފަށާ އެތަނުންވެސް ދަރިވަރުންނަށް ކެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. މިގޮތުން ބެލެނިވެރިންގެ ލަފަޔާއެކު މެނޫއެއް އެކުލަވާލާ ދަރިވަރުންނަށް ކެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެ ސްކޫލްގެ ޕްރިންސިޕަލް އިސްމާއީލް ނަސީރު ވިދާޅުވީ އިއްޒުއްދީން ސްކޫލަކީ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދޭ ސްކޫލަކަށް ހެދުމަށް މުދައްރިސުންގެ ކޮލިޓީ ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. މިގޮތުން ކޮންމެ ހަފްތާއަކު މުދައްރިސުންނަށް 30 މިނެޓްގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓްގެ ހަރަކާތްތަކެއް ހިންގާނެކަމަށެވެ. އަދި ސްކޫލްގެ ހުރިހާ މުވައްޒަފުންގެ މަޝްވަރާއާއެކު މުދައްރިސުގެ ލެސަން ޕްލޭން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށެވެ. ނަސީރު ވިދާޅުވީ މުދައްރިސުންގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން ދަރިވަރުންނަށް ޤައުމީ މަންހަޖުގައި ހިމަނާފައިވާ ކަންތައްތައް ހަރުލެއްވުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.
"މެންދުރު ނަމާދަށްފަހު 1 ޖަހާއިރު ޝެޑިއުލްއާ އެއްގޮތަށް ބައެއް ކުދިން ސްޕޯޓްސް ބައިތަކަށް، އަނެއްބައި ކުދިން ޓެކް އެންޑް ކްރާފްޓަށް. އަނެއްބައި ކުދިން ހޯމް ސައިންސަށް . ކަނޑައެޅިފައި ހުންނަ ދުވަސްތަކުގައި ޔުނިފޯމް ހަރަކާތްތަކާއި ޤުރުއާނަށް ފަރިތަކުރުމާއި ކްލަބް އެކްޓިވިޓީސްތަކާއި ލިޓްރަސީ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ." ނަޞީރު ވިދާޅުވިއެވެ.
ޕްރިންސްޕަލް ނަޞީރު ވިދާޅުވީ ސްކޫލުން މޮޅު ދަރިވަރުންތަކެއް އުފެއްދުމަށްޓަކައި ދަރިވަރުން އުޅޭގޮތް ގާތުން ބަލާ ސްކޫލުން ކޮންމެ ދަރިވަރަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ، އަދި ބެލެނިވެރިންނާއި މުދައްރިސުންނާ ދެމެދު ގާތް ގުޅުމެއް ބާއްވާ ދަރިވަރުންގެ ކުރިއެރުންތައް އަބަދުވެސް ދަރިވަރުންނަށް ފެންނާނެ ގޮތަކަށް ކަންކަން ރާވާނެކަން ޕްރިންސިޕަލް ފާހަގަ ކުރެއްވިއެވެ. މިގޮތުން ކޮންމެ ދަރިވަރަކަށް ޕްރޮގްރެސިވް ޕޯޓްފޯލިއޯއެއް ހަދާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ނަޞީރުވިދާޅުވީ ދަރިވަރުގެ އަޚްލާޤީ ކަންކަން ބެލެހެއްޓުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. ޚާއްސަކޮށް ބުލީގެ ޝިކާރައަކަށް ދަރިވަރުން ވިޔަ ނުދިނުމަށްޓަކައި މުދައްރިސުންނާއި ސްކޫލުން މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ސްކޫލްގެ ފުރަތަމަ ދުވަހުވެސް މުދައްރިސުންނަށް ވާނީ އެންޓި ބުލީން ޕޮލިސީއާއި ޗައިލް ޕްރޮޓެކްޝަން ޕޮލިސީގެ އިތުރުން މިނޫންވެސް އެހެނިހެން ޕޮލިސީތަކަށް އަހުލުވެރިވާން އަންގާފަ. މިވަގުތު ސްކޫލްގައި ވަރަށް ރަނގަޅު މުދައްރިސުން އެބަތިބި. ދަރިވަރުންނާ ގާތުން މަސައްކަތް ކުރާ ސްކޫލަކަށް ވެގެންދާނެ."ނަޞީރު ވިދާޅުވިއެވެ.
އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް ވަނީ ތަޢުލީމް ފޯރުކޮށްދޭ މުދައްރިސުންނަކީ ހަމައެކަނި މުސާރައަށް މަސައްކަތް ކުރާ މީހުންގެ ބަދަލުގައި އެ މަސައްކަތަކީ ކުރާ ހިތުން ކުރާ މަސައްކަތެއްގެ ގޮތުގައި ކުރުމަށް ގޮވާލާފައެވެ. އަދި މިމަސައްކަތް ކުރާ ހިތުން ކޮށްފިނަ މިއަށްވުރެ ތަޢުލީމީ ނިޒާމް ހަރުދަނާވެ ކުރިއަރައިގެން ދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ޢިއްޒުއްދީން ސްކޫލަކީ ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ސްކޫލެއް ނަމަވެސް، މިއަހަރު ކިޔަވައިދޭނީ ގްރޭޑް 1 އިން ފެށިގެން 6 އަކާއި ހަމައަށެވެ. އެގޮތުން ގްރޭޑް 1 އިން 4 އަކަށް ކޮންމެ ގްރޭޑެއްގައި 3 ކްލާސް ރޫމް އަދި ގްރޭޑް 5 އަދި 6 ގެ ކޮންމެ ގްރޭޑެއްގައި 2 ކްލާހުގައި ކިޔައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކޫލްގައި ކޮންމެ ކްލާހެއްގައި ގިނަވެގެން ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 25 ކުދިންނަށެވެ. އަދި މއީ 750 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.
ސަރުކާރުން މިހާރުވެސް ގެންދަނީ ބައެއް ސްކޫލްތަކުގައި އެއްދަންފަޅިއަށް ކިޔަވާދިނުމުގެ ޕައިލެޓް ޕްރޮގްރާމްތައް ފަށަމުންނެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ތައުލީމީ ނިޒާމަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރެވެއެވެ. އެގޮތުން މި ޕްރޮޖެކްޓްގައި ޑަބަލް ގަޑި އިތުރުކޮށް، ކޮންމެ މާއްދާއަކަށް ޚާއްސަކުރެވޭ ގަޑި އިތުރުކުރުމަކީ ކުދިން އުފައްދާ ސުވާލުތަކުގެ ޖަވާބު ފުރިހަމައަށް ލިބި ރަނގަޅު ވަށާ ޖެހޭ ތަޢުލީމަކަށް މަގުފަހިވާނެކަމެކެވެ.
ސަރުކާރުން މިހާރުވެސް ގެންދަނީ ބައެއް ސްކޫލްތަކުގައި އެއްދަންފަޅިއަށް ކިޔަވާދިނުމުގެ ޕައިލެޓް ޕްރޮގްރާމްތައް ފަށަމުންނެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ތައުލީމީ ނިޒާމަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރެވެއެވެ. އެގޮތުން މި ޕްރޮޖެކްޓްގައި ޑަބަލް ގަޑި އިތުރުކޮށް، ކޮންމެ މާއްދާއަކަށް ޚާއްސަކުރެވޭ ގަޑި އިތުރުކުރުމަކީ ކުދިން އުފައްދާ ސުވާލުތަކުގެ ޖަވާބު ފުރިހަމައަށް ލިބި ރަނގަޅު ވަށާ ޖެހޭ ތަޢުލީމަކަށް މަގުފަހިވާނެކަމެކެވެ.