ޚަބަރު

ރިސޯޓެއްގެ ގޮނޑުދޮށަށް އިންސާނެއްގެ ބޮލުގެ ބައެއް ލައްގާފައި އޮއްވައި ފެނިއްޖެ


ނޮކު މޯލްޑިވްސްގެ ރިޒޯޓު ހިންގާ ނ. އަތޮޅު ކުޑަފުނަފަރުގެ ގޮނޑުދޮށަށް އިންސާނެއްގެ ބޮލުގެ ބައެއް ލައްގާފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު 12:55 އެހާއިރު ކުޑަފުނަފަރުގެ ގޮނޑުދޮށުން އިންސާނެއްގެ ކަތުރު ކަށިގަނޑުން ބައެއް ފެނިގެން 14:00 އެހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ހިއްސާކުރި ފޮޓޯއިން އެކަށިގަނޑަކީ ގިނަދުވަސްވެފައިވާ ކަށިގަނޑެއްކަން ފާހަގަކުރެވެއެވެ. ފުލުހުން ވިދާޅުވީ އެކަން އިތުރަށް ބެލުމަށް އެރިސޯޓަށް ދިއުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ނ. އަތޮޅު ރިސޯޓަކުން މީހެއްގެ ބޮލުގެ ބައެއް ފެނިފައިވާއިރު، މި އަހަރުގެ ތެރޭގައިވެސް ކަނޑަށް ގެއްލިގެން 3 މީހަކު ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކޯސްޓް ގާޑުގެ ސިފައިން ދަނީ ކުރަމުންނެވެ. ނަމަވެސް މީހުން ގެއްލިފައި ވަނީ ބ. އަތޮޅާއި މާލެއަތޮޅުގެ ސަރަހައްދު ތަކުންނެވެ.