ޚަބަރު

ކުޑަކުދިން ނުރައްކަލުން ސަލާމަތްކުރުމަށް 5 ފިޔަވަޅެއް އަޅަން ލަފާދޭން ނިންމައިފި


ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް ބޭނުންކުރާ ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭހެއް އެކުލަވާލައި އެއްމަސްދުވަހުގެ ތެރޭގައި ބޭނުންކުރަން ފެށުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމަވައިފިއެވެ.

ދެ އަހަރުނުވާ ތުއްތުކުއްޖާއަށް ޖިންސީ އަނިޔާކުރި މައްސަލަ ދިރާސާކޮށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މިއަދުވަނީ މިވަގުތަށް ކޮންމެހެން ނިންމައި އަމަލުކުރަންޖެހޭ 5 ކަމެއް ފާހަގަކޮށް އެކަންކަން މަޖިލީހުގެ ރައީސާ ޙިއްސާ ކުރެއްވުމަށް ނިންމަވާފައެވެ.

އެގޮތުން ކުރިންވެސް އޮތް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް އަލުން އެކުލަވާލުމުގެ އިތުރުން ކޯޓުތަކަށް ހުށައެޅޭ ކުޑަކުދިންނާ ގުޅިންހުރި މައްސަލަތައް ނިންމުމަށް ވަކި މުހުލަތެއް ދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށް އެއީ ކުރެވިދާނެކަމެއްނަމަ ނުވަތަ އެކަން ކުރަންޖެހެނީ ޤާނޫނަކުންކަމުގައިވާނަމަ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙް މަޖިލީހަށް އަންގައިދިނުމަށް ކަމާއި ގުޅުންހުރި ވުޒާރާއަށް ދެންނެވުމަށް ކޮމިޓީން ވަނީ ނިންމަވާފައެވެ.

މީގެއިތުރުން އެންމެ ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ ޢާއިލާތައް ނުވަތަ މަސްތުވާތަކެތީގެ ބޭނުންކުރާ ބެލެނިވެރިން ހިމެނޭ ޢާއިލާއެއްނަމަ، ނުވަތަ ޢާއިލާގެ ތެރޭގައި ޖިންސީގޯނާގެ ޢާމަލެއްހިންގާ މީހެއް ހުރިކަން ފާހަގަވެއްނެނަމަ އެއީ ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ އާއިލާއެއްކަމަށް ނިންމައި މިހާރު އެގޮތަށް ފާހަގަވެފައިވާ އާއިލާތައް ދެނެގަތުމަށް ދެދުވަހުގެ ތެރޭގައި ކްރައިޓީރިއާއެއް ކަނަޑައަޅައިދިނުމަށް ޖެންޑަރ މިނިސްޓަރަށް ހުށައެޅުން ހިމެނެއެވެ.

އަދި މިހާރު ލިބެންހުރި ޑޭޓާބޭސްގެ އަލީގައި ހަތް ދުވަހުގެ ތެރޭގައި ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ އާއިލާތައް ދެނެގަނެ އެއާއިލާތަކުގެ ކަންކަން ހުރިގޮތް ދެނެގަތުމުގެ މަސައްކަތް ފެށުމަށް ޖެންޑަރ މިނިސްޓްރީއަށް ހުށައެޅުމަށްވެސް ކޮމިޓީންވަނީ ނިންމާފައެވެ. އަދި 30 ދުވަހުގެ ތެރޭގައި ރަށްރަށުގެ އެކިއެކި އިދާރާތަކުގެ އެހީގައިނަމަވެސް ނުރައްކަލަށް ހުށައެޅިފައިވާ ނުވަތަ ހައިރިސްކް ފެމެލީތައް ދެނެގަތުމަށްފަހު އެފަދަ އާއިލާތައް ދެނެގަނެ އާއިލާތަކުގެ ކަންކަން ހުރިގޮތް ދެނެގަތުމަށް މަސައްކަތްކުރުމަށް މިނިސްޓްރީއަށް އެންގުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

މީގެއިތުރުން މުޖްތަމައަށް ދޫވެފައި ތިބި ކުޑަކުދިންނަށް ޖިންސީގޯނާކުރިކަން ސާބިތުވެފައިވާ މީހުންގެ ދޫވެއިތިބިތިބުން ރިވިއުކޮށް އެމީހުންގެ ކަންކަންވެސް ބަލައި މޮނިޓަރުމަށް އެންގުން ހިމެނެއެވެ.