ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއަކީ މިޞްރާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިޞްރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުޞައިން އަލް ސަހާރޓީ އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ދެބޭފުޅުން ކުރެއްވި މަޝްވަރާގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދޭ ދޭ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އަދި އެކިދާއިރާތަކުން މިޞްރު ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްގުޅުމަށްޓަކައި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު ޢަދާކުރައްވާފައެވެ.
އެގޮތުން ކޮންމެ އަހަރަކު މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް މިޞްރު ސަރުކާރުން ފޮތް ހަދިޔާކޮށްދެއްވުމާއި މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގައި މަތީތަޢުލީމު ޙާޞިލުކުރުމަށް މިޞްރު ސަރުކާރުން ސްކޮލަރޝިޕް ދެއްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އެކިދާއިރާތަކުން ހުރި ފުރުޞަތުތައް ފާހަގަކުރައްވައި ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއަކީ މިޞްރާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކެއްކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ސަފީރު އަލް ސަހާރޓީ ދެއްކެވި ވާހަކަފުޅުގައި ސަރަޙައްދީ ތަރައްޤީއަށް މަސައްކަތްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މި ސަރުކާރުން ދައްކަވާ ލީޑަރޝިޕް ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާއާއި ވިޔާފާރިއާ އިޤްތިޞާދީ ދާއިރާއާއި ކައުންޓަރ ޓެރަރިޒަމް އަދި ކަނޑުގެ ސަލާމަތާ ރައްކާތެރިކަމުގެ ދާއިރާއިން އިތުރަށް ރާއްޖެއާ ގުޅުންބަދަހި ކުރެއްވުމުގެ ޝައުޤުވެރިކަން މިޞްރުގެ ސަފީރު ފާޅުކުރެއްވިއެވެ.