ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި ގުޅިގެން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަސްކުރުމުގެ ނިޒާމެއް ޤާއިމު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައި މިވަނި 2 އަހަރުނުވާ ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވެ ކުޑަކުދިންނާއިގުޅޭ މިފަދަ މައްސަލަތައް ކޯޓުތަކުގައި ނުނިމި ލަސްވާތީ އެކަމާއި ގުޅިގެން އާންމުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން ކަނބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ފަރާތްތަކާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް އަވަސް ކުރުމަށް ކޯޓުތަކުގެ ފަނޑިޔާރުންނާއި ކޯޓު އެޑްމިނިސްޓްރޭޓަރުންނާއި ރެޖިސްޓްރާރުންނާއެކު ބައްދަލުކޮށް، އެމައްސަލަތައް އަވަސްކުރަން އެޅޭނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ކޮމިޝަނުން މަޝްވަރާކުރައްވާފައި ވާކަމަށެވެ.
މި ބައްދަލުވުމުގައި ނިންމާފައިވަނީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް "ބްލޮކް ޓްރައިލްސް" ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ނިޒާމެއް ޤާއިމު ކުރުމަށެވެ. މި ނިންމުމާ އެއްގޮތަށް އެފަދަ މައްސަލަތައް އަވަހަށް ނިންމުމަށް، ހިންގުމާ ގުޅޭ އެންމެހާ އިންތިޒާމުތައް އަވަސް ފުރުޞަތެއްގެ ތެރޭގައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށް ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާނެކަންވެސް އެކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން މި ނިޒާމު ޝަރުޢީ ދާއިރާގެ ތެރޭގައި ޤާއިމު ކުރުމަށް ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ އިދާރީ ވެރިން އެއްބާރުލުންދީ އެކަމަށް ޙާއްޞަ ސަމާލުކަމެއްދޭނެކަން އެފަރާތްތަކުން ހާމަކުރެއްވި ކަމަށާއި، ޖޭއެސްސީގެ އެނިންމުމަށް ކޯޓުތަކުގެ އިސްފަނޑިޔާރުންނާއި އިދާރީ އިސް ވެރިން މަރުހަބާ ކިޔުމަކީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް މުސްތަޤްބަލުގައި އަވަސް ކުރުމަށް ލިބުނު ބާރެއްކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
ޖޭއެސްސީން ކޯޓުތަކާއެކު ބޭއްވި މި ބައްލުވުމުގައި އެކޮމިޝަނުން ވަނީ ކޯޓުތަކަށް ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާ ގުޅޭ މައްސަލަތައް ހުށަހެޅިފައިވާ ޢަދަދާއި، މައްސަލަތައް ނުނިމި ހުރި ޢަދަދުގެ އިތުރުން މައްސަލަތައް ނުނިމިހުރި ސަބަބުތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވާފައެވެ.
ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލަތައް ކޯޓުތަކުގައި ނުނިމި އެތައް އަހަރުތަކެއް ވެފައިވާއިރު، މިހާރުވެސް އެއް އަހަރާއި ތިން އަހަރަށްވުރެ ދިގުލައިގެން ގޮސްފައިވާ މައްސަލަތައް ކޯޓުތަކުގައި ނުނިމި އެބަހުރިކަމަށް ކަމާއިބޭހޭ ފަރާތްތަކުން ވަނީ މައުލޫމާތުދީފައެވެ.