ވިޔަފާރި

އިޓަލީގައި ރާއްޖެ އިޝްތިހާރުކުރަން ހަރަކާތްތަކެއް ފަށައިފި


އިޓަލީގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ހަރަކާތްތަކެއް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ފަށައިފިއެވެ.

މިކެމްޕެއިންގެ ދަށުން ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އިޓަލީގެ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރެވިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އިޓަލީގެ މާކެޓަށް އަމާޒުކޮށް ފެށި މި ކެމްޕެއިންގެ ދަށުން އިޓަލީގެ އެންމެ ބޮޑު 14 އެއަޕޯޓެއްގައި ބެހެއްޓިފައިވާ 300 އަށް ވުރެ ގިނަ ސްރީންތަކުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައްކާލެވިގެންދާނެއެވެ. އަދި އިޓަލީން ރާއްޖެ އެންމެ ގިނަ ފަތުރުވެރިން އަންނަ ޓްރެވަލް އެޖެންސީ އަލްޕިއުޓާގެ ދަށުން ހިންގަމުން އަންނަ ދެހާސް އޮފީހެއްގެ ބޭރުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުގެ އިޝްތިހާރު ޖަހާފައިވާކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

މީގެއިތުރުން މި ކެމްޕެއިންގެ ދަށުން އިޓަލީގެ ދެވަނައަށް އެންމެ ބޮޑު ސިޓީ މިލާންގައި ދަތުރުކުރާ ޓްރޭމްއެއްގައިވެސް ރާއްޖެ އިޝްތިހާރު ކޮށްފައިވެއެވެ. އެމްއެމްޕީއާރުސީން ބުނީ އެޓްރޭމްގައި ޖަހާފައިވާ އިޝްތިހާރުގައި ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުރި ހިދުމަތްތަކާއި ތަފާތު ތަޖުރިބާތައް ދައްކައިދޭކަމަށެވެ. އަދި މިޓްރޭމަކީ މިލާންގައި ފަތުރުވެރިން އެންމެ ގިނައިން ދަތުރުކުރާ ސަރަހައްދުގައި ދުއްވާ، ފަތުރުވެރިންގެ މެދުގައި މަގުބޫލު ޓްރޭމެއްކަމަށެވެ.

އިޓަލީ މާކެޓްގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް މި އަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް އެމްއެމްޕީއާރުސީން ވަނީ ރާވާފައެވެ. އެގޮތުން ދެ ފެއަރއެއްގައި ބައިވެރިވުމުގެ އިތުރުން މީޑިއާ އިންފްލުއެންސާރ އަދި ސެލެބްރިޓީ ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި ބޮޑެތި ޓްރެވަލް އެޖެންސީތަކާ އެކު ޖޮންއިންޓް ކެމްޕޭން އަދި އޮންލައިން ކެމްޕެއިން އަދި އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އިޓަލީއަކީ ރާއްޖެއަށް އަންނަ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެގޮތުން ފާއިތުވި އަހަރު އެ ޤައުމުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 9.7 އިންސައްތަ ކުރިއަރާފައެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު އިޓަލީން 136،324 ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.