ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުން އަބްދުﷲ މުނާޒް ވަކިކުރައްވައިފިއެވެ.
ޖަލުތަކުގެ ކަންކަން ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މަސައްކަތްތައް އިސްކޮށް ހިންގަވާ ކޮމިޝަނަރގެ މަޤާމުން މުނާޒް ވަކިކުރެއްވިކަން އަންގާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މުނާޒަށް ފޮނުއްވި ސިޓީފުޅެއްގައެވެ..
މިއަހަރު ފެށުނު ހިސާބުން ފެށިގެންނާއި އަދި އޭގެ ކުރިންވެސް ޖަލުތަކުގައި ހަމަނުޖެހުންތަކެއް ހިނގައި ޤައިދީން އިޙްތިޖާޖްކުރަމުންދިއުމާއި ގުޅިގެން މުނާޒަށް ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ސޮއިކުރައްވައި މުނާޒަށް މިއަދު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ އޭނާ މަޤާމުން ވަކިކުރައްވައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާ ދަންނަވާފައިވާކަމަށެވެ.
2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަދުވަހު މިނިސްޓަރުގެ ނާއިބުގެ ފެންވަރުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްކަމަށް އައްޔަންކުރެއްވި މުނާޒް މަޤާމުން ވަކިކުރުމާއި ގުޅިގެން އޭނާ ކުރެއްވި ޓުވީޓެއްގައި ވަނީ ޖަލުތެރޭގައި ހަމަނުޖެހުން ހިންގަން މަސައްކަތްކުރީ ކޯލިޝަންގެ ތެރެއިންނާއި ބޭރުން ރޭވުމަކުންކަމަށް ތުހުމަތުކޮށް، އޭނާ މަޤާމުން ވަކިކުރީ އެކަން ކާމިޔާބު ނުވުމުންކަމަށް ވިދާޅުވެފައެވެ.
ޢަބްދުﷲ މުނާޒަކީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި 24 އަހަރު ޚިދުމަތްކުރައްވާފައިވާ އަދި 2011 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް އުފެއްދެވުމާ ގުޅިގެން ސްޕްރިންޓެންޑެންޓްގެ މަޤާމަށް ޢައްޔަންކުރެއްވުމާއި ގުޅިގެން ޖަލުގެ އެންމެ އިސްވެރިޔާގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.