ޚަބަރު

15 އަހަރުގެ އަންހެން ކުއްޖަކާއި ކޯޓުން ބޭރުން އިނދެގެންއުޅުނު މީހަކާއި އެ ކުޑަކުއްޖާގެ މަންމަ ހައްޔަރުކޮށްފި


15 އަހަރުންދަށުގެ އަންހެން ކުއްޖަކާއި ކޯޓުން ބޭރުގައި ކައިވެނިކޮށްގެންއުޅޭ ހަރުކަށިފިކުރުގެ މީހަކާއި، އެ އަންހެން ކުއްޖާއަށް އިހުމާލުވި މަންމަ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެދަށުން އެމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ފުވައްމުލަކު ސިޓީންކަމަށެވެ.

ހަރުކަށި ފިކުރު ގެންގުޅޭ 39 އަހަރުގެ އެ ފިރިހެން މީހާ ކައިވެނިކޮށްގެން ކަމަށްބުނެ 15 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީގޯނާކުރި މައްސަލަ ބަލަމުންދާކަން ހާމަކުރައްވަމުން ފުލުހުން ވިދާޅުވީ ފިރިހެން މީހާއަކީ މީގެ ކުރިންވެސް 18 އަހަރުން ދަށުގެ އަންހެން ކުދިންނާމެދު ގަދަކަމުން ބަދު އަޚުލާޤީ އަމަލު ހިންގާކަމުގެ ރެކޯޑުތައް އޮންނަ މީހެއްކަމަށެވެ.

15 އަހަރުގެ ކުއްޖާއާއި ކައިވެނީގެ ނަމުގައި ގުޅިގެންއުޅޭ ފިރިމިހާގެ އިތުރުން މި މައްސަލައިގަ އަންހެން ކުއްޖާއަށް އިހުމާލުވި އެކުއްޖާގެ މަންމަ ވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ.

35 އަހަރުގެ އަންހެންމީހާ ވެސް ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުން މިދިޔަ އާދީއްތަދުވަހުއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ތަޙްޤީގުކުރަމުންދާކަމަށެވެ.

ފުވައްމުލަކު ސިޓީން މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، މިފަދަ މައްސަލައެއްގައި ހިމެނޭ މީހަކު ރ. މަޑުއްވަރިންވެސް ވަނީ ހައްޔަރުކޮށްފައެވެ. ކައިވެނިން ބޭރުން 13 އަހަރުގެ އަންހެންކުއްޖަކާ ކައިވެނިކޮށްގެން ކަމަށް ބުނާ އެމީހާއާއި ކުޑަ އަންހެން ކުއްޖާގެ މައިންބަފައިވެސް ވަނީ އެކަމުގައި އިހުމާލުވި މައްސަލައިގަ ހައްޔަރުކޮށްފައެވެ. މިއާއެކު ހަރުކަށި ފިކުރާދެކޮޅަށް ސަލާމަތީ ބާރުތަކުންވަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ.