ކުށްވެރިން ރިހެބިލިޓޭޓްކުރުމާއި ޤައިދީންނަށް މާފްދިނުމުގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ މަޑުޖެހިފައިވާ މަސައްކަތްތައް ހިނގައިގަންނާނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތްކުރުމަށް ޖަލުބަންދުގައި ތިބި ފަރާތްތަކުގެ ސިޓީތައް ދިރާސާކުރަން ހޮވި ކޮމިޓީން ނިންމައިފިއެވެ.
ޖަލު ބަންދުގައި ތިބި ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީތައް ދިރާސާކުރުމަށް ހޮއްވެވި ސަބްކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު، އެ ކޮމިޓީން ވަނީ މިކަމާއި ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި ގެންނަން ފެންނަ އިސްލާޙްތައް ކޮމިޓީއަށް ހުށައަޅާފައެެވެ.
ކޮމިޓީ މެެންބަރުން ހުށައެޅުއްވި އިސްލާޙްތަކުގެ ތެރޭގައި ކުށްވެރިން ރިހެބިލިޓޭޓްކުރުމާއި ޤައިދީންނަށް މާފްދިނުމަށް އެކުލަވާލާފައިވާ އިދާރާތަކުގެ މައްސަކަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެކަންކަން ވަނީ ހުށައަޅާފައެވެ. އެގޮތުން މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދުވަނީ ގިނަ އިސްލާޙްތަކެއް މިމައްސަލއާއި ގުޅިގެން ހުށައަޅުއްވައި ކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެކަމުގެ ޚިޔާލުދެއްވާފައެވެ. ޖީހާން ހުށައެޅުއްވި އިސްލާޙްތަކުގެ ތެރޭގައި ޑައިވަރޝަން ޕްރޮގުރާމުތަކުގެ ފުރުޞަތު ފަހިކުރުމާއި ޕެރޯލް ބޯޑު ޒިންމާދާރު ކުރުވުމާއި ކްލެމެންސީ ބޯޑުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމުގެ ކަންކަން ހިމެނެއެވެ.
އަދި ބައެއް މެންބަރުން ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުންގެ ފަރުވާގެ ކަންކަމާއި، އެފަދަ މީހުން މުޖުތަމައަށް ދޫވެފައި ތިބުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަސްތުވާތަކެތި ބޭނުންކޮށްފައިވާ މީހުންނަށް ފަރުވާދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މުހިންމުކަން މެންބަރުން ފާހަގަކުރެއްވިއެވެ.
ކޮމިޓީގައި ހިމެނޭ ހުރިހާ މެންބަރުންގެ ޚިޔާލާއެއްގޮތަށް މިއަދު ވަނީ ކަމާއި ގުޅުހުރި މުއައްސަސާތަކުގެ މަސައްކަތްތައް މިހާރު ކުރިއަށްދާގޮތާއި ގުޅޭ ކަންކަން ދެނެގަތުމަށް އެފަރާތްތަކަށް ދަންނަވައިގެން ރަސްމީ ފަސްދުވަހުގެ ތެރޭގައި އެމަުލޫމާތު މަޖިލީހުގެ ކޮމެޓީއަށް ހޯދުމަށް ނިންމާފައެވެ.