ކުޅިވަރު

ރޭސިންގ މައްސަލަތަކަށް ހައްލެއް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ބާރަށް ސައިކަލު ދުއްވަން ޖެހިލުންވުމަކީ ރާއްޖޭގައި ރޭސިން ކުރިނާރަންވީ ސަބަބެއް ނޫންކަމަށާއި ރޭސިން ކޮމިއުނިޓީއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވަން ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަޙުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވީ ޒުވާނުންގެ ހޮޅުއަށި ނަމުގައި ނޭޝަނަލް ޔޫތް ކައުންސިލްއިން އިންތިޒާމުކޮށްގެން ބައްވާ މަޝްވަރާ މަޖިލީހުގައި ރާއްޖޭގައި ރޭސިންއަށް ޝައުގުވެރިވާ ޒުވާނުންނާއެކު އޮތް ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ރޭސިން ކޮމިއުނިޓީގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ރާއްޖޭގައި ރޭސް ޖަހާނެ ޓްރެކެއް ނެތުމުގެ މައްސަލައެވެ. އެގޮތުން މީގެ ކުރިން ކޮންމެ ހަފްތާ ބަންދެއްގައި ހުޅުމާލޭގައި ރޭސްޖަހަމުން އައި ނަމަވެސް ބްރިޖް ހުޅުވުމާއިއެކު ހުޅުމާލޭގެ ބައެއް މަގުތަކަށް އައި ޓްރެފިކް ބަދަލާއެކު މިހާރު ހުޅުމާލޭގައި ރޭސްޖެހުން އޮންނަނީ މަނާކޮށްފައެވެ.

ރޭގެ ބައްދަލުވުމުގައި މިނިސްޓަރ މަހްލޫފްގެ އިތުރުން އެޗްޑީސީއިން ވެސް ވަނީ ރޭސިން ކޮމިއުނިޓީގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މަޝްވަރާކޮށްފައެވެ. އެގޮތުން ރޭސް ޖަހާނެ ފުރުސަތު ހުޅުވާލައި މިވަގުތަށް ވަގުތީ ހައްލެއް ގެނައުމަށް އަލުން ހުޅުމާލޭގައި ރައްކާތެރިކަމާއިއެކު ރޭސް ޖެހޭނެ ވަގުތީ ޓްރެކެއް ކަނޑައެޅުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ރޭސިންގ އަކީ އެކްސްޓްރީމް ސްޕޯޓެއް ކަމަށާއި، ބާރަށް ސައިކަލު ދުއްވަން މިނިސްޓަރ ޖެހިލުންވި ކަމުގައި ވިޔަސް އެކަންއެއީ ރޭސިން ކުރިއަރުވަން އޮތް ހުރަހެއް ކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ. އަދި މިވަގުތަށް ރޭސް ޖަހާނެ ވަގުތީ ތަނެއް ކަނޑައަޅަން ރޭސިން އެސޯސިއޭޝަނާއި އެހެން ފަރާތްތައް ގުޅިގެން ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ރޭސިން ކޮމިއުނިޓީގެ ފަރާތުން ވާހަކަ ދައްކަމުން ޔޫސުފް މާޒިން ބުނީ، ރޭސް ޖަހާނެ ތަނެއް ނެތުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށައި ނަމަވެސް ސަރުކާރުގެ ފަރާތުން މިކަމަށް ވަގުތީ ހައްލެއް ނަމަވެސް ހޯދައިދޭނެކަމުގެ އަލިމަގެއް ފެނުނީ އަދިކިރިޔާ ކަމަށެވެ. އޭނާބުނީ ރޭސިން ކޮމިއުނިޓީގެ ފަރާތުން މިކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށާއި ހޮޅުއަށީގައި މަޝްވަރާ ކުރެވުނުގޮތަށް ކަންކަން ކުރިއަށްގޮސް އަވަސް ހައްލެއް ލިބޭނެމަކަށް އުންމީދުކުރާކަމަށެވެ.