ކުޅިވަރު

2023ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވުމުގެ މަސައްކަތްތައްދަނީ ކުރިއަށް: މިނިސްޓަރ މަހުލޫފް


2023ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވުމަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެއިންވަނީ މިދިޔަ އަހަރު މޮރިޝަސްގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 15 މެޑަލް ހޯދާފައެވެ. އަދި ރާއްޖެއިންވަނީ 2023ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވުމުގެ ބިޑްވެސް ކާމިޔާބުކޮށްފައެވެ. މިބިޑް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 4 ވޯޓުންނެވެ. މިބިޑްގައި ރާއްޖެއާއި ވާދަކުރި ކޮމޯރަސް އާއި މަޑަގަސްކަރައަށް ލިބިފައިވަނީ އެންމެ ވޯޓެކެއެވެ.

ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފް ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ރާއްޖެއަށް ވަރަށް މުހިންމު މުބާރާތެއްކަމަށާއި ޖަޒީރާ ޤައުމުތަކުގެ މުބާރާތް ރާއްޖެއަށް ބޭއްވުމުގެ ފުރުޞަތު ލިބުމާއެކު، މީގެ ކުރިން ތަރައްޤީ ނުކުރާ މިންވަރަށް ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޤާއިމް ކުރަންޖެހޭކަމަށެވެ. ބައެއް ކުޅިވަރުތައް ކުޅޭ ވަސީލަތްތައް ކުޑަ ޙަރަދަކުން ބޭނުންވާ ފެންވަރަށް ނިންމާލެވިދާނެކަމަށާއި ނަމަވެސް ބައެއް ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް އަޅަން ޖެހެނީ ބިންގަލުން ފެށިގެންކަމަށް ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްވިމިމްގް ޕޫލް، އިންޑޯ ކުޅިވަރުތަކުގެ ތެރެއިން ވޮލީ، ބާސްކެޓް އަދި ޓޭބަލް ޓެނިސް ކުޅޭނެތަންތަން ޤާއިމް ކުރަންޖެހެއެވެ. ރާއްޖޭގައި އެޅުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ސައިޒްގެ ސްވިމިންގް ޕޫލަކީ އެތައް ޒަމާނެއް ވަންދެން އެޅުމަށް މަސައްކަތްކޮށް، މަސައްކަތް ނުފެށިފައިވާ ތަނެކެއެވެ. ނަމަވެސް ސްވިމިންގ ޕޫލް އަޅާ ބިން ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 45ވަނަ ޤައުމީ ފެތުމުގެ މުބާރާތް ބޭއްވިގެންދާނީ ސްވިމިންގް ޕޫލްގައިކަމަށް އުއްމީދު ކުރައްވާކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ސްވިމިންގް ޕޫލްގެ މަސައްކަތް ނިންމާލެވޭނެކަމަށްވެސް ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ބާސްކެޓް އިންޑޯ ހޯލްގެ މަސައްކަތް ކުރެހުންތައް ނިމި، މިހާރު ޓެންޑަރ ކުރުމުގެ މަރުހަލާގައިވާކަމަށާއި ޓޭބަލް ޓެނިސް، ވޮލީ އަދި ހޭންޑްބޯޅައަށް ޕްލޭނިން މިނިސްޓްރީއިން ދީފައިވާ ބިމުގެ އިން ވަކިކޮށްދީފައިވަނީވެސް ނިމިގެންދިޔަ ހަފްތާގައިކަމަށްވެސް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. ޓޭބަލް ޓެނިހާއި، ވޮލީގެ އިންޑޯ ހޯލް އެޅުމަށްޓަކައި މިހާރު ބީއޯކިއުގެ މަސައްކަތް ކުރަމުންދާކަމަށާއި އެ މަސައްކަތް ނިމި، އެކަމަށް ދާ ޙަރަދުގެ ތަފްސީލް ބަލަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިދެ ކުޅިވަރުގެ އިންޑޯ ހޯލްގެ މަސައްކަތް ފަށާނީ ބީއޯކިއުގެ މަސައްކަތް ނިމި، އެކަމަށްދާ ޙަރަދުގެ ތަފްސީލް އެގުމުންކަމަށެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ މަސައްކަތުން ޗައިނާ ސަރުކާރުގެ އެހީއާއެކު އެޅުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ސްޓޭޑިއަމްއާއިއެކު ސިންތެޓިކް ޓްރެކްގެ ކުރެހުމުގެ މަސައްކަތް ނިމި، މިހާރު އެކުރެހުންތައްވަނީ ރަޢީސް އިބްރާހިމް މުހައްމަދު ސޯލިޙުއާއިވެސް ހިއްސާކޮށްފައެވެ. މިނިސްޓަރ ވިދާޅުވީ ޗައިނާގެ އެހީތެރިކަމާއެކު އަޅާ އޮލިމްޕިކް ސްޓޭޑިއަމަކީ ވަރަށް ބޮޑު، ބިޔަ މަޝްޢޫއެއްކަމަށެވެ.

އައިއޯއައިޖީގެ މަސައްކަތްތައް ގާތުން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙު ވަރަށް އަވަހަށް ކޮމެޓީއެއްވެސް އެކުލަވާލައްވާނެކަމަށާއި މިއަންނަ މަހުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އޮލިމްޕިކް ކޮމެޓީގެ ރައީސުންގެ ބައްދަލުވުމެއް ރާއްޖޭގައި އޮންނާނެކަމަށެވެ. ރަސްމީކޮށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މަސައްކަތް ނުފެށުނަސް، މިހާރުވެސް ކުޅިވަރު ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.