ޚަބަރު

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާގައި ކަސްޓަމްސްގެ ޒިންމާ މިއަދު ބޮޑު: ޑިފެންސް މިނިސްޓަރ


އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާގައި ކަސްޓަމްސްގެ ޒިންމާ ބޮޑުކަން މިއަދު ގަބޫލުކުރަންޖެހިފައިވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެެއެވެ.

ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމަށް ކަސްޓަމްސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ސަރވިސްގެ ކަންކަން އިސްކޮށް ބެލެހެއްޓުވުމާއި ހަވާލުކުރައްވާފައިވާ ޑިފެންސް މިނިސްޓަރ ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ކަސްޓަމްސް ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލު ކުރައްވާފައި ވަނީ ކަނޑާއި ވައިގެ މަގުން ރާއްޖެއަށް ތަކެތި އެތެރެކުރާ ބޯޑަރުތަކުގައި ކަސްޓަމްސްއިން އިސް ދައުރެއް އަދާކުރާތީ އެކަމުގެ މުހިންމުކަން ފާހަގަ ކުރެވޭތީ ކަމަށެވެ.

ކަސްޓަމްސްއަކީ ރާއްޖެ އެތެރެކޮސް ބޭރުކުރާ މުދަލުގެ ހިސާބުތަކާއި ޑިއުޓީނެގުމުގެ އިތުރުން ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާ ހުއްޓުވުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ދެނެގަތުމަށް ކަމާއި ގުޅޭ އިދާރާތަކާއެކު މުހިއްމު މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ އިދާރާއެއްކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއަކީ ހަނގުރާމަވެރި ހަތިޔާރު އުފައްދާ ޤައުމަކަށް ނުވިނަމަވެސް އެފަދަ އެއްޗެއް ރާއްޖެ އެތެރެވިޔަ ނުދީ ހިފެހެއްޓުމުގައި ކަސްޓަމްސްގެ ޒިންމާވެސް ބޮޑުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ މުހިއްމު ކަންކަމުގައި ކަސްޓަމްސްއިން އަދާކުރަމުން ދަނީ ޒިންމާދާރު އަގުހުރި މަސައްކަތްތަކެއް ކަމަށެވެ.

"މިއަދު މި ދިމާވަނީ ހަމައެކަނި މަސްތުވާތަކެތީގެ މައްސަލަތަކެއްނުން. ދުނިޔެއަށް ވިސްނާލާއިރު، ތަންތަން ގޮއްވާލުންފަދަ ކަންކަމުގައިވެސް، ރާއްޖޭގައި އެފަދަ ހަތިޔާރުތަކެއް އުފެދިގެންދަނީއެއްނޫން. ކޮންމެސް ދިމާލަކުން އެތެރެވާ އެއްޗެހިތަކެއް އެއީ އެެހެންވީމަ ކަސްޓަމްސްގެ ޒިންމާ އިހައްވުރެވެސް ސެކިއުރިތީ އޭންގަލަކުން ވިސްނާއިރު ބޮޑުވެގެންދާކަމީ ވިސްނަންޖެހޭކަމެއް"
މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ސަލާމަތާއި އިޤުތިސާދީ ދާއިރާގައި ވެސް މުހިއްމު މަސައްކަތްތަކެއް ކަސްޓަމްސްއިން އަދާކުރާއިރު، އެފަދަ މަސައްކަތްތަކުގެ ތެރެއިން ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިނގާނަމަ އެކަމެއް ކަމާއި ގުޅުހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނައުމާއި، ކޮރަޕްޝަނަށް ސަރުކާރުން ގެންގުޅުއްވާ ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން ޑިފެންސް މިނިސްޓްރީން ވެސް ސަމާލުކަން ދޭކަމެއްކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރު ކަސްޓްމްސްގެ މުވައްޒަފުންނާއި ގުޅޭ ކޮރަޕްޝަންގެ ޝަކުވާތައް ލިބެމުން ނުދާކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކަސްޓަމްސް ޚިދުމަތުގައި ތައުލީމީ ޤާބިލު ބޭފުޅުން ހަރާކާތްތެރި ވާއިރު އެއިދާރާއި ގިނަ އަދަދެއްގެ އަންހެން ބޭފުޅުންވެސް ޚިދުމަތްކުރައްވާ އިދާރާއެއްކަން ފާހަގަކުރައްވައި އެފަދަ ބޭފުޅުންގެ އެއްބާރުލުމާއި އެކު ކުރިއަށް އޮތްތަނުގައިވެސް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މިނިސްޓަރ މާރިޔާ ވަނީ އެދިވަޑައިގެންފައެވެ.