ޚަބަރު

އިންޑިއާގެ 71 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ 3 ބާރު


ދިވެހި ވިޔަފާރިވެރިންނަށް އިންޑިއާގައި އިންވެސްޓުކުރުމަށް އެޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގޮވާލައްވައިފިއެވެ.

އިންޑިއާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ އެ ޤައުމުން އިސްކަންދެނީ ރާއްޖޭގައި ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ބަދަލުގައި ދިވެހިންނަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތްތަކެއް ފަހިކޮށްދިނުންކަމަށެވެ. އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ ތިން ބާރުގެ އެންމެ އިސް ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އިންޑިއާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލީހްއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމްއާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، އުއްތަމް ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދްނާނު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނދައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ޑިފެން މިނިސްޓަރ މާރިޔާ އަޙްމަދު ދިދީވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލީޙް ވެރިކަމާއި ހަވާލުވީއިރު، ހީނަރުވެފައިއޮތް އިންޑިއާ އާއި ރާއްޖޭގެ ގުޅުން އެތައް ރޮނގަކުން މިހާރު ބަދަހިވެފައިވާއިރު، ދިވެހި ދައުލަތުގެ ތިން ބާރުގެ އިސްވެރިން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުން ދެޤައުމުގެ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމަށް ރާއްޖެއިން އިސްކަންދޭ މިނަވަރު ހާމަވެގެންދޭއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ އިންޑިއާއި ރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެޤައުމުގެ ދެމެދު ހުރި އެއްގޮތްކަންކަން ފާހަގަކުރައްވާފައެވެ. ސަފީރު ވިދާޅުވީ އިންޑިއާއިން އަބަދުވެސް އަވައްޓެރި ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ޚާއްސަ އިސްކަމެއްދެއްވާކަމަށާއި، ރާއްޖެއަށް ކުރިމަތިވަ ކޮންމެ ދަތި ދަނޑިވަޅެއްގައި އިންޑިއާގެ އެހީތެރިކަން އެންމެ ފުރަތަމަ ފޯރުކޮށްދެނީ ދެވިފައިވާ ލޯތްބެއްގެ ސަބަބުންކަމަށެވެ.

ސަފީރުގެ ވާހަކަފުޅުގައި ބިޔަ މަޝްރޫޢުތަކަށް އިސްކަން ދިނުމުގެ ބަދަލުގައި އިންޑިއާއިން ބޭނުންވަނީ ދިވެހިންނަށް ކޮންމެހެން ބޭނުންވެފައި ތިބި މުހިއްމު ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްކަމުގައި ވިދާޅުވިއެވެ. އަދި އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުވެފައިވާއިރު، ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނަށް އިންޑިއާގައި އިންވެސްޓުކުރުމަށްވެސް ސަފީރު ގޮވާލެއްވިއެވެ. އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ކުރިއަށްގެންދަނީ ދެފުއްފެންނަ ހާމަކަންބޮޑު ގޮތެއްގައި ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުވަނީ އިންޑިއާގެ ޖުމްހޫރީދުވަހުގެ ހެޔޮއެދުންތައް އެޤައުމުގެ އިސްވެރިންނަށް އަރިސްކުރައްވައި، މިއަދުގެ ދުނިޔޭގައި އިންޑިއާ ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. މިނިސްޓަރވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ މުހިއްމުކަމާއި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެޤައުމު ގުޅިގެން ކުރާ މަސައްކަތްތަކުގެ އިތުރުން ދެޤައުމު ހިއްސާކުރާ އިންޑިއާ ކަނޑުގެ އަމާންކަމަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ ދެޤައުމުގެ ގުޅުން ބަދަހިވެ ލާމެހިފައިވާ ގޮތް އިންޑިއާގެ ރަސްމީ ބަހުރުވަކަމުގައިވާ ހިންދީ ބަހުރުވައިން ހިއްސާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ވީޑިއޯ ޕްރެސެންޑޭޝަނެއްވެސް ހުށަހަޅާފައިވޭ. އަދި އިންޑިއާގެ ސަޤާފީ ބައެއް ހަރަކާތްތަކާއި، ދިވެހި ފަންނާނުންގެ ހުށައެޅުންތަކެއްވެސް ވަނީ ހުށައަޅާފައެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ، 1949 ނޮވެމްބަރު 26 ވަނަ ދުވަހު އެކުލަވާލައި، ބަލައިގަތް އިންޑިއާގެ ގާނޫނު އަސާސީ ތަންފީޒުކުރަން ފެށި ދުވަހުގެ މުނާސަބަތުގައެވެ. އިންޑިއާގައި ޖުމްހޫރިއްޔާ ފެށުނީ 26 ޖެނުއަރީ 1950 އެވެ.