ޚަބަރު

ޢަދުލުއިންސާފާމެދު ސުވާލު އުފެދޭ ގޮތަށް ސިވިލް ކޯޓުން މައްސަލަތައް ނިންމާތީ އެކަން ހައްލުކުރުމަށް ޑީޖޭއޭއަށް އަންގައިފި


ޢަދުލުއިންސާފާމެދު ސުވާލު އުފެދޭ ގޮތަށް ސިވިލް ކޯޓުގެ ބައެއް ފަނޑިޔާރުން މައްސަލަތައް ނިންމާތީ އެކަން ހައްލުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދެންނެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ މިމައްސަލަ ޙައްލުކުރުމަށް ޑީޖޭއޭގައި ދެންނެވުމަށް ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، ހިނގަމުންދާ މައްސަލަތައް ނިންމުން އަވަސްކުރުމުގެ ނަމުގައި ނުވަތަ ގިނަ މައްސަލަތައް ނިންމިކަމުގެ ޝަރަފު ހޯދުމަށްޓަކައި ނުވަތަ ވަކި މުއްދަތެއްވީ މައްސަލައެއް ކޯޓުގައި ނުބޭއްވުމުގެ ނިޔަތުގައި، ޢަދުލު އިންސާފާމެދު ސުވާލު އުފެދޭ ގޮތަށް ސިވިލް ކޯޓުގެ ބައެއް ފަނޑިޔާރުން މައްސަލަތައް ނިންމާ ކަމުގެ ޝަކުވާ ކޮމިޝަނަށް ލިބެމުންދާތީ އެކަން ހައްލުކުރުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ އެންގެވުމަށް ސިވިލް ކޯޓުގައި މިހާރު ޤާއިމުކޮށްފައިވާ ޑިވިޜަންތަކަށް ބަހާލައިގެން މައްސަލަ ބަލާ އުޞޫލަކީ އެންމެ ރަނގަޅު އުޞޫލެއް ކަމުގައި ނުވާތީ، އެ ނިޒާމު މުރާޖަޢާކޮށް އިސްލާހުކުރުމުގެ މަސައްކަތް ފެށުމަށްވެސް ޖޭއެސްސީން މިއަދުވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދެންނެވުމަށް ނިންމާފައެވެ.

ޖޭއެސްސީން މިއަދު ނިންމި ކަންތައްތަކުގެ ތެރޭގައި ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ނަޞީރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމިކަމަށް ޖޭއެސްސީން ވިދާޅުވެއެވެ. ޖޭއެސްސީން ސިވިލް ކޯޓްގެ އިސްޤާޟީ ޢަބްދުﷲ ޢަލީގެ ސުލޫކީ މައްސަލައެއް ބެލުމަށްއިއްޔެ ނިންމާފައިވާއިރު، އޭގެކުރިންވެސް އެކޮމިޝަނުންވަނީ އިސް ޤާޟީގެ އިތުރު މައްސަލައެއްބަލާކަން ހާމަކުރައްވާފައެވެ.

2015 ވަނަ އަހަރުން ފެށިގެން ސިވިލްކޯޓުގައި ފުނިޖެހިފައިވާ މައްސަލަތައް ނިންމުމަށް އެކޯޓުގެ އިސްޤާޟީ އަބްދުﷲ އަލީގެ އިސްނެންގެވުމާއެކު ޚާއްސަ ފިޔަވަޅުތަކެއްއަޅައި ގިނަ މައްސަލަތަކެއް ނިންމާ ރެކޯޑްހަދާފައިވާކަން އެކޯޓުން އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކައެވެ. މައްސަލަތައް އަވަސްކުރުމަށް އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ސިވިލް ކޯޓުގެ އޮނިގަނޑަށް ބަދަލު ގެނެސް އެ ކޯޓުގައި ފަސް ޑިވިޜަނެއް ވަނީ ޤާއިމުކޮށްފައެވެ.

ސިވިލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި 4907 މައްސަލަ އެ ކޯޓުން ވަނީ ނިންމާފައެވެ.
2019 ވަނަ އަހަރު ފެށުނުއިރު އެ ކޯޓުގައި 1781 މައްސަލަ އޮތެވެ. އަދި 2019 ވަނަ އަހަރު އެ ކޯޓަށް އަލަށް 4700 މައްސަލަ ހުށައެޅިއެވެ. އޭގެ ތެރެއިން އަހަރު ނިމުނިއިރު އެ ކޯޓުން ނުނިމި އޮތީ 1574 މައްސަލައެވެ.