މިދުވަސްވަރު ރާއްޖެ އަންނަ ކްރޫޒް ލައިނާތަކާއި ޕަސެންޖަރލައިނަރތަކުން މާލެއަށް ފަތުރުވެރިން ބާލާނީ ކޮރޯނާ ވައިރަސްއަށް ސްކްރީންކުރުމަށްފަހުކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ފަތުރުވެރިކަމުގެ ދާއިރާއިން އަޅަމުންދާ ފިޔަވަޅުތަކާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަސްޢަދު ރިޟާ ވިދާޅުވީ، ޑަބްލިއު.އެޗް.އޯގެ ލަފައާއި އިރުޝާދުގެ މަތިން ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށްޓަކާ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖެއިންވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އިޤްތިޞާދަށް ލިބިދާނެ ގެއްލުމެއް ލިބިދާނެތީ އާއްމުންގެ ޞިއްޙީ ރައްކާތެރިކަމަށްދޭ ސަމާލުކަން އެއްވެސް ހާލެއްގައި ކުޑަނުކުރާނެކަން ފާހަގަކުރައްވާ އަސްޢަދު ވިދާޅުވީ، ރާއްޖޭގެ އެއަރޕޯޓުތަކުގައި ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ފަދައިން ކަނޑުމަގުން ރާއްޖެއަށް އެތެރެވާ ފަތުރުވެރިން ސްކްރީން ކުރެވޭނެ އިންތިޒާމްތައްވެސް ހަމަޖައްސަމުންދާކަމަށެވެ.
އެގޮތުން މި ފެށޭ ފެބްރުއަރީމަހުގެ ފުރަތަމަ ހަފްތާ ތެރޭގައިވެސް ކްރޫޒްލައިނާއެއް ރާއްޖެއައުމަށް ހަމަޖެހިފައިވާއިރު، އެއީ ކޮރޯނާ ވައިރަސް މިހާރު ފެނިފައިވާ އެއްވެސް ސަރަޙައްދަކުން ދަތުރުކޮށްފައިވާ ފަތުރުވެރިއަކު ގޮވައިގެން އަންނަ އުޅަނދެއްތޯ، ކްރޫސްލައިނަރ ރާއްޖެ ގެންނަ ލޯކަލް އެޖެންސީ މެދުވެރިކޮށް ކަށަވަރުކޮށްފައިވާކަމަށް އަސްޢަދު ވިދާޅުވިއެވެ. ކްރޫސްލައިނަރ ނިސްބަތްވާ ސީދާ ޤައުމުގެ މަޢުލޫމާތު ހާމަނުކުރިނަމަވެސް، އަސްޢަދު ވިދާޅުވީ، ކްރޫޒްލައިނަރތަކުންވެސް ފަތުރުވެރިން މާލެއަށް ބާލުވާނީ އެއަރޕޯޓުތަކެކޭ އެއްފަދައިން ވައިރަސް ހުރިތޯ ސްކްރީންކުރުމަށްފަހުކަމަށެވެ.
"ޗައިނާއިން އޮރިޖިނޭޓްވެފައިވާ ވައިރަސްއެއްވީމަ ކްރޫޒްޝިޕްގެ ރޫޓާ އެއްޗެހި ޗެކްކުރަން. ފެބްރުއަރީ ފުރަތަމަ ހަފްތާ މި އަންނަ އެއްޗަކީވެސް އެހެން ދިމާލަކުން އަންނަ އެއްޗެއް. ކްރޫޒްޝިޕްތަކުގައި އެބަ ޔަޤީންކުރަން މިކޮޅުން ހަވާލުވެފައިވާ އެސޯސިއޭޝަނާއެކު އެ ދިމާލުން އެއްވެސް ފަތުރުވެރިއަކު އެރިތޯ. އެކަން އެބަ ޔަޤީންކުރަން ރާއްޖެއައުމުގެ ކުރިން. ދެން ފަތުރުވެރިން މާލެ ފޭބުމުގެ ކުރިން އެއަރޕޯޓުތަކުގައި ޗެކްކުރާ އުސޫލުން ސްކްރީން ކުރެވިގެން ނޫނީ މާލެ ނުފޭބޭގޮތަށް އަޅުގަނޑުމެން ނިންމާފައިވާނީ.." ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަސްޢަދު ރިޟާ ވިދާޅުވިއެވެ.
އަސްޢަދު ވިދާޅުވީ، ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތު ރާއްޖޭގައި ހިންގަމުންދާ ޓޫރިސްޓް ފެސިލިޓީތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށެވެ. އަދި މަޢުލޫމާތު ފޯރުކޮށްދިނުމަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ ގެސްޓް ހައުސްތަކަށްކަމާއި، އެހެންކަމުން ކައުންސިލްތައް މެދުވެރިކޮށް ގެސްޓްހައުސްތައް އޮޕަރޭޓްކުރާ ފަރާތްތަކަށް އެ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އަސްޢަދު ވިދާޅުވިއެވެ.