ޚަބަރު

ރިޔާސީ ބަޔާނުން ކުޅިވަރަށް އުފާވެރި ޚަބަރުތަކެއް!


ޤައުމީ ޓީމްތަކަށް މަދުވެގެން 5 އަހަރު ކުޅެފައިވާ ކުޅުންތެރިން ކުޅުން ހުއްޓާލުމުން، އެކުޅުންތެރިންނަށް ލޯނު ސްކީމެއް ތަޢާރަފް ކުރަމުން އަންނަކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖްލިސް ފެށުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ކުޅިވަރު ކުޅޭ ކުޅުންތެރިންނާގުޅޭ ގިނަ ކަންތަށްތަކެއް އިޢުލާން ކުރައްވާފައެވެ. ރައީސް ވިދާޅުވީ ޤައުމީ ޓީމްތަކަށް މަދުވެގެން 5 އަހަރު ކުޅެފައިވާ ކުޅުންތެރިން ކުޅުން ހުއްޓާލުމުން، އެކުޅުންތެރިން ދިރިއުޅުމައްޓަކައި އެހެން މަސައްކަތެއް ފެށުމަށް އެހީތެރިވެދިނުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ލޯނު ސްކީމެއް ތަޢާރަފުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިއީ ރާއްޖޭގައި ވަރަށް ކުރިންވެސް ބަހުސްކުރެވިފައިވާކަމެއް ނަމަވެސް، މިކަމަށް އެއްވެސް އަމަލީ ސިފައެއް އައިސްފައެއްނުވެއެވެ.

ޤައުމީ ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިންނަށްދޭ އެލަވަންސް އެއްވަރަކަށް ހަދައި ކޮންމެ ކުޅުންތެރިއަކަށްވެސް 5000 ރުފިޔާ މިސަރުކާރުންވަނީ ދޭން ފަށާފައެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށްވާ، ހާނީއްކައިން ސަލާމަތްވުމަށް ކުޅުންތެރިންނަށް އިންޝުއަރެސް ސްކީމެއް ތަޢާރަފްކޮށް މިއަހަރުގެ ތެރޭގައި އެސްކީމުގެ ޚިދުމަތް ފަށާނެކަމަށެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރަށް ކުޅުންތެރިން ބިނާކުރުމުގެ ސިޔާސަތުގެދަށުން، ރާއްޖެއިން ބޭރަށްދާ ކުޅުންތެރިންނަށް ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށްވެސް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ވަރަށްކާމިޔާބު އަހަރެކެވެ. ދިވެހި އެތުލީޓުން މިދިޔަ އަހަރު ވާދަކުރި ބައިނަލްއަގްވާމީ މުބާރާތްތަކުން، 13 ރަން މެޑަލާއެކު، ޖުމްލަ 46 މެޑަލް ރާއްޖެއަށް ލިބިފައިވެއެވެ. އަދި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން، މިދިޔަ އަހަރު ރާއްޖެއަށް ލިބުނު ރަން މެޑަލަކީ، އެ ކުޅިވަރު މުބާރާތުގެ ތާރީޚުގައިވެސް ރާއްޖެއަށް ލިބުނު ފުރަތަމަ މެޑަލެވެ.

2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ބޭނުންވާ ޢުމްރާނީ އަދި އެހެނިހެން ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތަށް މިހާރުވެސް ފެށިފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.