ނިމިދިޔަ އަހަރުގެ އުސްއަލިތަކާއި ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކާއި މިއަހަރަށް އެކުލަވާލައްވާފައިވާ މުހިންމު ސިޔާސަތުތައް ހިމެނޭގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަހަރުގެ ރިޔާސީ ބަޔާން ޢިއްވަވައިފިއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުމުން، ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެއަށްފަހު އެމަނިކުފާނަށް ސިފައިންވަނީ ގާޑްއޮފް އޮނަރ އެއް އަރުވާފައެވެ.
މަޖިލިސްގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށިގެންދިޔައީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އެންމެ މަތީވެރިޔާ އުއްތަމަ ފަނޑިޔާރުގެ ސަލަވާތްފުޅު ކިޔެވުމާއެކުގައެވެ. މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އަށްޑިހައަށްވުރެ ގިނަ މެންބަރުންނާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ބޭރުގެ ޢިއްޒަތްތެރިންނާއި ސްކޫލްދަރިވަރުންވެސް ބައިވެރިވިއެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ ބައެއް މެންބަރުންވަނީ ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ރައީސް ޞާލިޙްގެ ކުރިފުޅުމަތީގައި އިޙްތިޖާޖްކުރައްވާފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިއްވެވި 41 މިނެޓްގެ ރިޔާސީ ބަޔާން އިއްވަވައި ނިމުނުއިރުވެސް އެމަނިކުފާނުގެ ފަރާތުން ކަންބޮޑުވުމެއް ނުތަނަވަސްކަމެއް ފެނިގެންނުދެއެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އިޙްތިޖާޖަށް މަޖިލީހުން ހުރަސްއެޅި މަންޒަރެއްވެސް ފެނިފައެއް ނުވެއެވެ.
ރިޔާސީ ބަޔާން އިއްވަވައި ނިމުމުން މަޖިލީހުގެ ޖަލްސާ ނިންމަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ މަޖިލިސް ކޮންމެ އަހަރަކަށްވެސް ހުޅުވަން ބާއްވާޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން އެބަޔާނަށް ރައްދުދިނުމުގެ ފުރުސަތު މަޖިލީހުގައި ހިމެނޭ އިދިކޮޅު އެންމެ މެންބަރުން ގިނަ ޕާޓީއަށް ލިބިގެންދާނެކަމަށެވެ.
ރައީސް ނަޝިދުގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުން ކުރިއަށް އޮތްތަނުގައިވެސް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މަޖިލިސް ޖަލްސާއަށްފަހު ސަރުކާރުހިންގާ މައިޕާޓީއަށް ނިސްބަތްވާ މެންބަރުންވަނީ މިފަހަރުގެ ރިޔާސީ ބަޔާނަށް ތައުރީފުކުރައްވައި، މިއީ ވަރަށް ފުރިހަމަ އަދި އުންމީދީ ބަޔާނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުންވަނީ ރިޔާސީ ބަޔާނަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނަސް ނިސްބަތްވާ މަޖިލިސް މެންބަރުންވަނީ ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ މުޅި ދައުލަތް ވަނީ އޮޅުންބޮޅުމުގެ ތެރޭގައި ކަންކަމަށްބުނެ އިޖްތިމާއީ އިންސާފުން އެކަހެރިވެ މުޅިޤައުމުގެ އިގްތިސާދު ދަށައްގޮސްފިކަމަށް ވިދާޅުވެފައެވެ. އަދި މިއީ ތާފަނާ ބަޔާނެއްގެ ގޮތުގައި ޕީއެންސީގެ ޕީޖީ ލީޑަރުވަނީ ސިފަކުރައްވާފައެވެ.