ޚަބަރު

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމާއި ގުޅޭގޮތުން މާދަމާ ގޮތެއް ނިންމަނީ


މަނީލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް އިއްވާފައިވާ ހުކުމް ބާޠިލް ކުރުމަށް ހައިކޯޓަށް ހުށައަޅުއްވާފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުން މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މަނީ ލޯންޑަރިންގެ މައްސަލާގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފުކުރުމުން އެމައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

މާދަމާގެ އަޑުއެހުމުގައި ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމާނެއެވެ. މި އަމުރު ނެރެދިނުމާ ދެކޮޅަށް ފުރަތަމަ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ ވާހަކަ ދައްކަވާފައެވެ.

ފުރަތަމަ އަޑު އެހުމުގައި ރައީސް ޔާމިންވަނީ އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ ޙާލަތާ ގުޅޭގޮތުން ތަފްސީލް ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން މަނީލޯންޑަރިންގެ ކުށުގައި އެމަނިކުފާނު ޖަލުގައި ބަންދުކުރުމާ ގުޅިގެން ނަފްސާނީ ގޮތުންނާއި ޖިސްމާނީ މައްސަލަތަކަކާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ކަމަށްވަނީ ވިދާޅުވެފައެވެ. އަދި އޭރު ހިތުގެ ބައްޔެއް ޖެހިވަޑައިގެންނެވި ކަމަށާ، އެބަލީގެ ތަޙްލީލްތައް ރާއްޖެއިން ހެދެންނެތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމުން އުނަގަނޑުގެ ކަށިގަނޑެއް ގުޑައިގެން އެކަންވެސް ތަހައްމަލު ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.