ޚަބަރު

ކުޑަކުދިންނަށް ކުރާ ޖިންސީގޯނާ: ނުބަލާހުރި މައްސަލަތަކުގެ މަޢުލޫމާތު މަޖިލީހުން ހޯދަނީ


މިހާތަނަށް ނުބަލާހުރި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވައިފިއެވެ.

ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ މައްސަލަތަކުގެ މަޢުލޫމާތު ހޯދުމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނިންމެވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައެޅި ކުއްލި މައްސަލައިގެ ބަޙުސްގައި މެންބަރުން ފާހަގަކުރެެއްވި މައްސަލަތަކާ ގުޅިގެންނެެވެ.

އެފަދަ މައްސަލަތަކުގެ ތެރޭގައި މާލެ އަތޮޅު ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް އޭނާގެ ބޮޑުބޭބެ ޖިންސީގޯނާ ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ތުލުސްދޫ ދާއިރާގެ މެންބަރު ފާހަގަކުރެއްވި މައްސަލައިގެ މަޢުލޫމާތު އެރަށުގެ އިދާރާތަކުން ހޯދުމަށް މަޖިލިސް ރައީސްވަނީ މަޖިލީހުގެ އަމީންޢާންމަށް އަންގަވާފަައެވެ.

މީގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އަމިއްލަފުޅައް ހުށަހެޅުއްވި މިބާވަތުގެ މައްސަލަތަކެއް ކަމާބެހޭ މުއައްސަސާތަކުން ނުބަލާހުރުމުން އެކަމުގެ މަޢުލޫމާތު ހޯދުމަށްވެސް މަޖިލީހުގެ ރައީސްވަނީ ނިންމަވާފައެވެ.

"އަޅުގަނޑު ދަންނަވައިފިން އަމީން އާންމަށް މިމައްސަލަތަކުގައި ރަށު ކައުންސިލްގެ ރައީސްއާއި ސްކޫލްގެ ޕްރިންސިޕަލާއި އެނޫންވެސް އިދާރާތަކުގެ ފަރާތުން މިމައްސަލާގެ މަޢުލޫމާތު ހޯދަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ޢުމުރުން 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ދަރުމަވެރިޔާ އަޙްމަދު ޙިޝާނާ ޙަވާލު ނުކުރުމަށް ފެމިލީ ކޯޓުން އަންގަވާފައިވަނިކޮށް އެމައްސަލަ ހައިކޯޓުގައި ހިޝާންގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ވަކިގޮތަކަށް ނުނިމެނީސް އޭނާގެ ބެލެނިވެރިކަން ހިޝާނަށް ހަވާލުކުރި މައްސަލައާ ގުޅިގެން އެކަން ވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައެވެ.

މިކަމާމެދު ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށާއި، މިމައްސަލަތަކާ ގުޅިގެން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވުމަށް މެންބަރުންވަނީ ގޮވާލައްވާފައެވެ.

އިއްޔެ ބޭއްވި ހައިކޯޓުގެ ޝަރީޢަތުގެ އަޑުއެހުމުން ވަނީ ޢުމުރުން 19 އަހަރުގެ ޒުވާނާ މިހާރުވެސް ހުރީ ހިޝާންގެ ބެލުމުގެ ދަށުގައިކަން ހާމަވެފައިވާއިރު، މިއަދުގެ މިވަގުތާހަމައަށްވެސް ޖެންޑަރ މިނިސްޓްރީން އެކަމާމެދު ފިޔަވަޅު އަޅާފައިވޭތޯ ބެލުމަށް ނުވަތަ އެޒުވާނާހުރީ ކޮންތާކުތޯ މަޖިލީހުން ބަލަންޖެހޭކަމަށް މެންބަރުން ފާހަގަކުރުމުން މަޖިލީހުގެ ރައީސްވަނީ އެކަން އޮޅުންފިލުއްވާފައެވެ. އެގޮތުން ބެލެނިވެރިކަން ހަވާލުނުކުރަން ކޯޓުން އެންގި ޒުވާނާ މިހާރުވެސް ހުރީ އަހްމަދު ހިޝާންގެ ބެލުމުގެ ދަށުގައިކަމަށް މަޖިލީހުގެ ރައީސްވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވެފައެވެ.

ދެނުކުނުގެ ރަށެއްގައި އުމުރުން 2 އަހަރުވެސް ނުވާ ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލަ ފެންމަތިވި ހިސާބުން މިފަދަ އެތައް މައްސަލައެއް ދަނީ ފެންމަތިވަމުންނެވެ.