އިޖްތިމާޢީ ޚިދުމަތުގެ ދާއިރާއިން، އަޙްމަދު ޙިޝާނަށް 2014 ވަނަ އަހަރު ޤައުމީ އިނާމު ދެއްވިއިރު އޭނާގެ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާކަމަށް ޤައުމީ އިނާމާބެހޭ ކޮމެޓީން ވިދާޅުވެއްޖެއެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން އެ ކޮމެޓީގެ ޗެއާޕާސަން، ނިޝާން ޢިއްޒުންދީންގެ ޢިއްޒަތުގެ ވެރިޔާ، އަނީސާ އަޙްމަދު ވިދާޅުވީ ޤައުމީ އިނާމުދެއްވުމުގައި އަބަދުވެސް ބައްލަވަންޖެހޭ ހުރިހާ ބެއްލެވުންތައް ބައްލަވަމުންގެންދަވާކަމަށާއި އެގޮތުން އެއްވެސް ކުށުގެ ރިކޯޑެއް އޮތް ފަރާތެއްނަމަ އެ ފަރާތެއް އެވޯޑް ލިބޭ ފަރާތެއްގެ ގޮތުގައި ނޮމިނޭޓް ނުވާނެކަމަށެވެ.
އެގޮތުން ގ. ނީރުވީކް، އަޙްމަދު ޙިޝާން އަށް 2014 ވަނަ އަހަރު އިޖްތިމާޢީ ޚިދްމަތުގެ ދާއިރާއިން؛ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ޚިދްމަތް ކުރުމާއި، ފުދުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން: ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުމުގައިވެސް ކުށުގެ ރެކޯޑެއް ނެތްކަން ފުލުހުންގެ ފަރާތުންނާއި ކޯޓުންވެސް ކަށަވަރު ކުރައްވާފައިވާނެކަމަށް އަނީސާ ވިދާޅުވިއެވެ.
އަނީސާ ވިދާޅުވީ ހިސާނަށް އިނާމު ލިބުނީ ކޮމެޓީން އިނާމު ދިނުމުގައި ގެންގުޅޭ އުސޫލު ނުވަތަ މިންގަނޑު ގޯސްވެގެން ނޫންކަމަށާއި އެއީ އޭރު ބެލިއިރު ކުށުގެ ރިކޯޑެއް ނެތްކަމަށް ކޮމެޓީއަށް ކަށަވަރު ކުރެވިފައިވާތީކަމަށެވެ. އޭނާ ވިދާޅުވީ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ފަރާތެއްގެ އަތުން އެ އިނާމެއް ނިގުޅައިގަނެވޭނެ ހާލަތުވެސް އުސޫލުގައި ކަނޑައެޅިފައިވާއިރު އަދި އެފަދަ ހާލަތަކަށް ނުދާކަމަށެވެ.
"މިހާާރު ވެސް ހިސާންގެ މައްޗަށް އެ ކުރެވެނީ ތުހުމަތުތަކެއް. ޝަރުއީ ކޯޓެއްގައި ކުށް ސާބިތުވެފައި ނުވާތީ، އަދި އޭނާގެ އަތުން އިނާމު އަތުލަން ކޮމިޓީއަށް ނުނިންމޭނެ. ގައުމީ އިނާމު މީހަކަށް ދިނުމަށް ފަހު، އޭނާގެ އަތުން އިނާމު އަތުލެވޭނެ ގޮތްތައް ގައުމީ އިނާމު ދިނުމާ ބެހޭ އުސޫލުގައި ބަޔާން ކޮށްފައިވޭ. އަދި އެއިން ހާލަތަކަށް ނުދޭ" އަނީސާ އަޙްމަދު ވިދާޅުވީއެވެ.
ޤައުމީ އިނާމާބެހޭ ކޮމެޓީން މިކަން ހާމަކުރައްވާފައިމިވަނީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއްް ހިޝާނަށް ކުރެވޭ ކަން އެނގި ތިބެ، އޭނާއަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިންކަމަށް ބުނާ މައްސަލައާއި، 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ހިޝާނަށް ފެމިލީ ކޯޓުން ނަގައި ނުދިނުމުން ވެސް އޭނާ އެ ޒުވާނާ ގޮވައިގެން އުޅުނު މައްސަލައެއް ފެންމަތިވެ އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައި މިފަދަ ތުހުމަތުތަކެއް ކުރެވޭ މީހެއްގެ އަތުން ޤައުމީ އިނާމު އަނބުރާ ނެގުމަށް ބައެއް މެންބަރުން ގޮވާލާފައިވަނިކޮށެވެ.