ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވުމާއެކު، ކޮމަންވެލްތު ޤައުމުތަކުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް، "އެމްބަސީ"ތަކުގެ ބަދަލުގައި ހައިކޮމިޝަންތަކަށް ބަދަލުވުމާއި ގުޅިގެން، އެތަންތަނުގައި ހުރި ނަންބޯޑުތައް ބަދަލުކޮށްފިއެވެ.
މިއަދު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބޯޑު ބަދަލުކޮށް، ހައިކޮމިޝަންގެ ބޯޑު ބަހައްޓަވައިދެއްވީ އެކަމަށްޓަކައި ލަންޑަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. މި ރަސްމިއްޔާތުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ސަބްރާ ނޫރައްދީންގެ އިތުރުން ހައިކޮމިޝަންގެ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.
އިނގިރޭސިވިލާތުގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮޝަނާއި، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބޯޑު ވަނީ މިއަދު ބަދަލުކޮށްފައެވެ. ނަންބޯޑުތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި އެޤައުމުގައި ޚާރިޖިއްޔާގެ އިސް ބޭފުޅުންނާއި، ކޮމަންވެލްތު އެހެން ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ. އަދި އެމްނަދޫބުން ވަނީ ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމާއި ގުޅިގެން މަރުހަބާ ކިޔާފައެވެ.
ދިވެހިރާއްޖޭގެ ކޮމަންވެލްތުގެ 54 ވަނަ ޤައުމުގެ ގޮތުގައި އެޖަމާޢަތާއި އަލުން ގުޅުނީ މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.