އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ޙިއްސާދާރުންނަށް ފޯމު ހުށަހެޅުމުގެ މުއްދަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އުރީދޫ މޯލްޑިވްސްއިން އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެރޭ ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގައެވެ.
އަހަރީ އާއްމު ޖަލްސާގައި ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމާނެއެވެ. މީގެއިތުރުން އާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، އިވެލުއޭޓްކުރުމަށްފަހު، ޑިރެކްޓަރުންގެ ބޯޑުން ފާސްކުރައްވާފައިވާ ފަރާތްތަކަށް ވޯޓަށް އެހުންވެސް އަހަރީ އާއްމު ޖަލްސާގައި އޮންނާނެއެވެ.
އުރީދޫއިން ވަނީ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރައްވާނަމަ "ޕްރޮކްސީ ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުމަށް އެދިފައެވެ.
ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުން އަދި އުރީދޫގެ ވެބްސައިޓްއިން ލިބޭނެ ކަމަށް އުރީދޫން ހާމަކުރެއެވެ.
އުރީދޫއިން ބުނީ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި މިމަހުގެ 11 ވަނަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްކަމަށެވެ.
އުރީދޫއަށް މިދިޔަ އަހަރު ލިބުުނު އާމްދަނީ ވަނީ 2 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާއިރު ފައިދާގެ ގޮތުގައި އެކުންފުންޏަށް ވަނީ 598 މިލިއަން ރުފިޔާ ލިބިފައެވެ.
އުރީދޫ މޯލްޑިވްސްގެ ހިއްސާއަކަށް 3 ރުފިޔާ 30 ލާރު ބެހުމަށް ކުންފުނީގެ ބޯޑުން ހުށަހަޅާފައިވާއިރު، 2018 ވަނަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 3 ރުފިޔާ 22 ލާރިއެވެ. 2017 ވަނަ އަހަރު 3 ރުފިޔާ 20 ލާރި ބަހާފައިވާއިރު، 2016 ވަނަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 2 ރުފިޔާ 75 ލާރިއެވެ.
އުރީދޫ މޯލްޑިވްސްއަކީ 2005 ވަނަ އަހަރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަަތްދޭން ފެށި ކުންފުންޏެކެވެ. އެކުންފުނީގެ 9.5 އިންސައްތަ ޙިއްސާ އާއްމުން ދީފައިވާއިރު، ބާކީ 90.5 އިންސައްތަ ހިއްސާއަކީ ޤަތަރުގެ ވަތަނިއްޔާ އިންޓަނޭޝަނަލްގެ ޙިއްސާއެވެ.