ވިޔަފާރި

ޤަވާޢިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އީޔޫގެ ތަޢުރީފު


ޤާނޫނާއި ޤަވާޢިދާ ޚިލާފަށް، ބެލެހެއްޓުމެއް އަދި ރިޕޯޓްކުރުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ޔޫރަޕިއަމް ޔޫނިއަން، އީޔޫއިން ތަޢުރީފުކޮށްފިއެވެ.

އީޔޫއިން ރާއްޖެއިން ކުރާ މަސައްކަތް ފާހަގަކޮށް ތައުރީފްކޮށްފައިވަނީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކުރާ މަސްވެރިން ހުއްޓުވުމަށް މަސައްކަތްކުރާ އީޔޫގެ ވަފުދު، އައި.ޔޫ.ޔޫ މިޝަންގެ ފަރާތުން ދިވެހިރާއްޖެއަށް މިމަހުގެ 23 އިން 25 އަށް ކުރި ދަތުރުގައެވެ.

މިއީ، 2015 ވަނަ އަހަރުން ފެށިގެން އައި.ޔޫ.ޔޫ މިޝަންއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރި 4 ވަނަ ފަހަރެވެ.

މިޝަންގެ މައިގަނޑު މަޤްޞަދަކީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއް ނެތި އަދި ރިޕޯޓްކުރުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށްޓަކައި ޔޫރަޕިއަން ޔޫނިއަންއިން އެކުލަވާލާފައިވާ "ރެގިއުލޭޝަން ޓު ޑިޓަރ އެންޑް އެލިމިނޭޓް އިލީގަލް، އަންރިޕޯޓެޑް އަންރެގިއުލޭޓެޑް އަދި ފިޝިންގްގެ ދަށުން އެސަރަޙައްދަށް މަސް އެކްސްޕޯޓްކުރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ތަންފީޒުކުރުން ލާޒިމްކުރާ ކަންތައްތައް ފުރިހަމަކުރަމުން ދޭތޯ ބަލައި، އިތުރަށް ހަރުދަނާ ކުރަން ޖެހޭކަންތައްތައް ފާހަގަކޮށް އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމެވެ.

އީ.ޔޫގެ ވަފުދުން ފިޝަރީޒް މިނިސްޓްރީއާއެކު ކުރިއަށްގެންދިޔަ ޓެކްނިކަލް އިވެލުއޭޝަނަށްފަހު މިޝަންގެ ފަރާތުން ހުށަހެޅި ފައިނަލް ސްޓޭޓްމަންޓްގައި، ރާއްޖޭގައި ކުރަމުންދާ ތިމާވެއްޓާއި ރައްޓެހި ކާފު މަސްވެރިކަމަކީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓިގެން އަދި ރިޕޯޓްކުރެވިގެން ކުރެވޭ (އައި.ޔޫ.ޔޫ ފްރީ) މަސްވެރިކަމަށް ހެދުމަށްޓަކައި ފާއިތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ތަޢުރީފު ކޮށްފައިވެއެވެ. އަދި މަސްވެރިކަމުގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުމަށް ޤާއިމްކޮށްފައިވާ ޒަމާނީ ވަޞީލަތްތައް ވަފުދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މިކަންތައްތައް ދަމަހައްޓައި ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓާއި އިންސާނީ ވަސީލަތްތަކުން، ޕޮލިސީ ލެވަލްގައި މިކަންތައްތައް ތަންފީޒުކުރުމަށް ދޭ އަހައްމިޔަތުކަން ދޭހަވެގެންދާކަމުގައި ފާހަގަކޮށްފައިވެއެވެ.

މަސްވެރިކަމުގެ އާ ޤާނޫނު މިސަރުކާރުގެ ފުރަތަމަ 12 މަސް ދުވަހުގެ ތެރޭގައި ވުޖޫދަށް ގެނައުން ފާހަގަކޮށް، މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ސިޔާސީ ގޮތުންވެސް ކުރަމުންދާ މަސައްކަތް އީޔޫގެ ވަފްދުން ވަނީ ފާހަގަކޮށްފައެވެ.