އެމްޓީސީސީން 37 މަޝްރޫޢެއްގެ އަމަލީ މަސައްކަތް މިވަގުތު ކުރަމުންދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ 49 މަޝްރޫޢެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި، އޭގެތެރެއިން 11 މަޝްރޫޢެއްގެ މަސައްކަތް އަންނަ މަސްތެރޭ ފަށާނެ ކަމަށެވެ. އެއާއެކު މާޗުމަސްތެރޭގައި ގާތްގަނޑަކަށް 47 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާނެކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މިވަގުތު ނުފެށި ހުރީ އެންވަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓު، އީ.އައި.އޭ ހެދުމުގެ ސްޓޭޖްގައި ހުރި މަސައްކަތްތައް ކަމަށެވެ. އަދި އީ.އައި.އޭ ނިމުމާއެކު އެ މަޝްރޫޢުތަކުގެ މަސައްކަތްތައްވެސް ފަށާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު 37 ޕްރޮޖެކްޓުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން، 49 ޕްރޮޖެކްޓެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ އިރު، އޭގެތެރެއިން 10 ނޫނީ 11 ޕްރޮޖެކްޓެއްގެ މަސައްކަތް އަންނަ މަސްތެރޭ ފެށިގެން ދާނެ،" އާދަމް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރގެ ވާހަކަފުޅުގައި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން އެކުންފުނިން މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ބޭނުންކުރާ ބައެއް އާލާތްތައް ބާވެ، ހަލާކުވެފައި ހުރުމުން އެފަދަ އާލާތްތަކުގެ އާބާތުރަ ފިލުވައި، އަލަށް ބޭނުންވާ ތަކެއްޗަކީ ކޮބައިތޯ ބަލައި، އެތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި މަސައްކަތްތަކާއި އެކު ކުރިއަށް އޮތް ތިން މަސްދުވަސްތެރޭ އެމްޓީސީސީން މާލީ ގޮތުންނާއި މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގައިވެސް ކުރިއެރުން ދައްކާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން މަޝްރޫޢުތައް ކުރިއަށްގެންދާ ސްފީޑު ހަލުއި ކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވާއިރު، އެކުންފުންޏަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ. އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15.4 އިންސައްތަ ދަށަށް ގޮސްފައެވެ.