ކޯވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ ހާލަތެއްގައި ޢަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި މިއަދު ބާއްވައިފިއެވެ. 
މިހަރަކާތުގައި ވަނީ ބަލިމީހެއްގެ މަޢުލޫމާތު ލިބުމާއި ހަމައިން، އެމީހާ ފަރުވާއަށް ގެންދިއުމާއި ހަމައަށް ޢަމަލުކުރާނެ ގޮތްތައް ޑްރިލްގައި ކުރިއަށްގެންގޮސްފައެވެ.
ކޯވިޑް-19އާއި ގުޅިގެން މާލޭގައި ކުރިއަށްގެންދިޔަ ޑްރިލް ހަރަކާތަކީ، މިފަދަ ޙާލަތެއް ދިމާވެއްޖެނަމަ ތައްޔާރީ ޙާލަތުގައި އޮތް މިންވަރު ބެލުމަށް ކުރިއަށްގެންދިޔަ ޑްރިލްއެކެވެ.
މާލޭގައި ޑްރިލް ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ދަރުބާރުގެ އާއި، މާފަންނު ބިސްބުރު ސަރަޙައްދުގައެވެ. މި ޑްރިލްއަކީ ކޮވިޑް-19އިން ޖެހިފައިވާ މީހަކު ފެނިއްޖެނަމަ އަވަސް ފިޔަވަޅު، އެޅުމުގެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެގޮތް ފަރިތަކުރުމަށް ބޭއްވި ޑްރިލް ހަރަކާތެކެވެ. 
މިޑްރިލްގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި، މިނިސްޓްރީ  އޮފް ހެލްތާއި، އެޗްޕީއޭ އަދި އެމްއެންޑިއެފާއި ފުލުހުންގެ އިތުރުން ކަމާއި ގުޅުންހުރި ހުރިހާ އިދާރަތަކުން ވަނީ ބައިވެރިފައެވެ. މި ޑްރިލްގެ އެންމެ ބޮޑު މަޤްސަދަކީ ކޮންމެ މުއައްސަސާއަކަށް ކަނޑައަޅާފައިވާ މަސްޢޫލިއްޔަތުތައް ދެނެގަނެ، އެކަންކަމަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމެވެ. 
ޑްރިލްގެ ހަރަކާތް ފަށާފައި ވަނީ ދަރުބާރުގެއިންނެވެ. ދަރުބަރުގެ ފާހަގަކޮށްފައި ވަނީ މިފަދަ ހާދިސާއެއްގެ ފޯކަލް ޕޮއިންޓްގެ ގޮތުގައެވެ. ދަރުބާރުގެ ހަމަޖައްސާފައި ވަނީ ހުރިހާ މުޢައްސަސާތަކުން އެއްތަނަކަށް ޖަމާވެ، މަސައްކަތްތައް ރާވާނެ ގޮތުގެ މަޝްވަރާއާއި، އަދި ބަލިމީހާ އޮތް ތަނަށް ދިއުމުގެ ތައްޔާރީތައް ހަމަޖައްސާ ތަނެއްގެ ގޮތުގައެވެ. 
ބިސް ބުރުކައިރީ ކުރިއަށްގެންގޮސްފައިވަނީ ބަލި މީހާ ގެއިން ނެރެގެން ގެންދިއުމުގައި ޢަމަލުކުރާނިގޮތެވެ. އެގޮތުން ފުލުހުންނާއި ސިފައިންވަނީ ޢާމުންގެ ރައްކާތެރިކަމަށްބަލައި އެ ގެ ހުރި ސަރަޙައްދު އެއްކޮށް ބަންދުކޮށްފައެވެ. 
އެއަށްފަހު ގެއިން ބަލިމީހާ ނެރެ، ކަރަންޓީން ފެސިލިޓީ އާއި ހަމައަށް ގެންދިއުމާއި ހަމައަށް ޑްރިލް ކުރިއަށް ގެންގޮސްފައެވެ.
މިޑްރިލްގައި ބަލިމީހާ ގެއިން ނެރެނީ ވައިރަހުގެ އަސަރު ނުކުރާގޮތަށް ޑަބްލިއުއެޗްއޯ މިންގަނޑަށް ހެދުންއަޅައިގެންތިބި ސިއްޙީ އެހީތެރިންނާއިއެކުއެވެ. .
		
					
									
			ބަލިމީހާ ދިރިއުޅުނު ގެއާއި، އިމާރާތާއި، އަދި އެމީހާ އާއި ކޮންޓެކްޓްވެފައިވާ މީހުންގެ މަޢުލޫމާތު ގެންދާނެ ގޮތްތައް ވަނީ ތަޖުރިބާކޮށްފައެވެ. 
އަދި އެފަދަ ގޭބިސީއެއްގައި ކޮވިޑް -19 އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކުގެ އިރުޝާދު ވަނީ ދީފައެވެ. މި ޑްރިލްގެ ހަރަކާތްތައްވަނީ ތިންގަޑިއެއްހާއިރަށް ކުރިއަށް ގެންގޮސްފައެވެ.
ދިވެހިރާއްޖެ ހިމެނެނީ ކޯވިޑް-19އައުމުގެ ފުރުސަތު ބޮޑު ޤައުމެއްގެ ތެރޭގައެވެ. މިކަމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ޗައިނާއިން އައި 5 ދިވެއްސަކު ކަރަންޓީން ފެސިލިޓީގައި ބައިތިއްބާފައި ވެއެވެ. މީގެތެރެއިން 3 މީހުންގެ ކަރަންޓީން މުއްދަތު ހަމަވެގެންވަނީ ދޫކޮށްލާފައެވެ. ހެލްތް މިނިސްޓްރީން ވަނީ މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިފައި ނުވާކަން ކަށަވަރުކޮށްދީފައެވެ.