ވިޔަފާރި

ކޯވިޑް-19 : ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ފަތުރުވެރިއެއްގެ ތަޢުރީފް


ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން ދެމުންދާ އިރުޝާދުތަކާއި، ޤައުމުގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަކަށް ތަޢުރީފްކޮށް އެމެރިކާ ފަތުރުވެރިއަކު ސޯޝަލް މީޑިއާގައި ވީޑިއޯއެއް ޢާންމުކޮށްފިއެވެ.

ޓުވިޓަރގައި ޢާއްމުކޮށްފައިވާ މިވީޑިއޯއިން ފެންނަ އޭ.ޖޭ ޖަވާން ނަމަކަށްކިޔާ އެމެރިކާގެ ފަތުރުވެރިއާ ބުނީ ރާއްޖެއަށް އައުމުގެ ކުރިން ރާއްޖެއާއި ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރިކަމަށާ، ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ވެބްސައިޓާއި ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ވަރަށް ރަގަޅަށް، ކޯވިޑް-19އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ލިބެމުން ދިޔަކަމަށެވެ.

އޭނާ ރާއްޖެއަށް އައިސްފައިވަނީ އޭނާގެ ފިރިހެން ދަރިފުޅާއި ރަޙުމަތްތެރިއަކާ އެކުގައެވެ. އޭނާ ބުނީ ރާއްޖެއަށް މިފަދަ ދުވަސްވަރެއްގައި އައީ ރާއްޖޭގައި މި ބަލި ކޮންޓުރޯލްކުރުމަށް ކުރަމުންދާ މަސައްކަތް ފެންނާތީ ކަމަށެވެ. އޭނާ ވަނީ އެއަރޕޯޓުގައިވެސް ސަރުކާރުން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކަށް ތައުރީފްކޮށްފައެވެ.

ސަރުކާރުން ދަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް ރާއްޖޭގެ ހާލަތާއި އަދި މިބަލި ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް ތަފާތުކުރުމެއްނެތި އަޅަމުން ގެންދާނެ ކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތައް ފަތުރުވެރިން ތަޢުރީފް ކުރަމުންދާއިރު، ރާއްޖޭގައި ހެދި ކަރަންޓީނު ފެސިލިޓީއަށްވެސްވަނީ މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައެވެ. އެގޮތުުން ޗައިނާގެ ޚަބަރު ފަތުރާ މީޑިއާއެއްކަމަށްވާ "ސައުތު ޗައިނާ މޯނިންގ ޕޯސްޓް ނިއުސް"އިން ވަނީ މިކަރަންޓީން ފެސިލިޓީގެ މަޢުލޫމާތު ޓުވިޓަރ މެދުވެރިކޮށް ޙިއްސާކޮށްފައެވެ. އަދި "ސައުތު ޗައިނާ މޯނިންގ ޕޯސްޓް" އިން ރާއްޖޭގެ މި ކަރަންޓީން ފެސިލިޓީގެ ފޮޓޯތަކާއި ވީޑިއޯ ތަކާއިއެކު ޓުވިޓަރގައި ހިއްސާކުރުމުން 28 ހާހަށްވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ.