ފެބްރުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 77 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ މިދިޔަ އަހަރުގެ ފެބްރުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 79 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު %3.4 ދަށް އަދަދެކެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ދެމަސްދުވަހުގެ ތެރޭ ގްރީސް ޓެކްސްގެ ގޮތުގައި ދައުލަތަކަށް 161 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މިއީ އެމަހު ލިބުނު ޖުމްލަ އާމްދަނީގެ %11 އެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 157 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު %2.5 އިތުރު އަދަދެކެވެ.
ޓޫރިޒަމް ޤާނޫނުގައި ބުނާގޮތުން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޙިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހެއެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.
މީރާއަށް މިދިޔަ މަހު ލިބުނު ޖުމްލަ އާމްދަނީގެ އަދަދަކީ 1.43 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީމަހު ލިބުނު އާމްދަނީއާއި އަޅާބަލާއިރު %12.3ގެ ކުރިއެރުމެކެވެ.
ފެބްރުއަރީމަހު ލިބުނު އާމްދަނީ އިތުރުވެފައިވާއިރު މިއީ މިދިޔަމަހު ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ %2.2 އިތުރު ޢަދަދެކެވެ. މީރާއިން ބުނީ މިދިޔަމަހު ލިބުނު އާމްދަނީ އިތުރުވެފައިވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންކަމަށެވެ.