ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޓެލިކިލާސްތަކާއި އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ސްކޫލްތަކުން ރާވާފައިވާ ކިޔަވާދިނުމުގެ ޕްރޮގްރާމްތައް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިގޮތައް ނިންމާފައިވަނީ ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާ ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިން މިމަހުގެ 19 އިން 26 އަށް ސަރުކާރު ބަންދުކުރުމަށް ނިންމުމާ ގުޅިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައިވަނީ މިދަނޑިވަޅުގައި ދަރިވަރުން ގޭގައި ތިބޭއިރު ބެލެނިވެރިންނަށް ސަމާލުކަން ދެވިދާނެ ބައެއް ކަންތައްތައް ފާހަގަކުރައްވާފައެވެ. އެގޮތުން ދަރިވަރުން ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމާއި ގޭބިސީއަށް އެއްކޮށް ކުރެވޭނެ ކަންތައްތައް ރާވާ ޢާއިލީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމާއި ދަރިވަރުންގެ ސްކްރީންޓައިމް މަދުކޮށް، ހެލިފެލިވެ އުޅެވޭނެ ހަރަކާތްތަކާއި ފިކުރީ ޚިޔާލު ތަނަވަސް ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
އަދި ގޭތެރޭގައި ކުރާ މަސައްކަތްތަކުގައި ދަރިވަރުން ބައިވެރި ކުރުވުމާއި ފޮތް ކިޔުމާއި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވޭނެ ހަރަކާތްތަކުގައި ދަރިވަރުން މަޝްޢޫލުކުރުމާއި ކުދިންގެ ނަފްސާނީ އަދި ޖަޒްބާތީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ އިތުރުން ކޯވިޑް 19 އާ ގުޅޭ މައުލޫމާތު ދަރިވަރަށް އިނގޭނެ ގޮތަށް ކިޔައިދިނުން ފަދަ މުހިންމު ކަންކަމަށް އިސްކަންދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
ކޯވިޑް -19 އާ ގުޅިގެން ސްކޫލްތައް ބަންދުކުރިއިރު މިހަފްތާ ތެރޭގައިވަނީ ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް ޚާއްސަކޮށްގެން "ޓެލިކިލާސް"ގެ ނަމުގައި ފިލާވަޅުތައް ނަގާދީފައެވެ. އަދި އެހެން ގްރޭޑްތަކުގެ ދަރިވަރުންނަށްވެސް ވަނީ އޮންލައިން ޕްލެޓްފޯމް ނުވަތަ އެހެނިހެން ގޮތްގޮތަށްވެސް ކިޔަވައިދީފައެވެ.
ސްކޫލްތައް އިތުރު އެއް ހަފްތާއަށް ބަންދު ކުރިއިރު އެޑިއުކޭޝަން މިނިސްޓްރީންވަނީ، ޓިއުޝަން ކިލާސްތަކާއި ވަކިމާއްދާ ކިޔަވައިދޭ ކިލާސްތައް މެދުކަނޑާލުމަށް އަންގާފައެވެ. ސްކޫލްތައް ބަންދުކުރެވިފައިވާ ޙާލަތުގައި ޓިއުޝަން ކުލާސްތަކާއި ވަކިމާއްދާ ކިޔަވައިދޭ ކިލާސްތައް ފަދަ އެއްވެސް ކިލާހަކަށް ދަރިވަރުން ނުފޮނުވުމަށް ބެލެނިވެރިންނަށްވެސް އެ މިނިސްޓްރީންވަނީ އިލްތިމާސްކުރައްވާފައެވެ.