ޚަބަރު

އޯލެވެލް އިމްތިޙާނާއި ސްކޫލް ޗުއްޓީއަށް ބަދަލެއް ނުގެންނަން: އެޑިޔުކޭޝަން


އޯލެވެލް އިމްތިޙާނާއި ސްކޫލް ޗުއްޓީއަށް ބަދަލު ގެނެސްފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ އެ މިނިސްޓްރީގެ ނަމުގައި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޗުއްޓީއަށާއި އޯލެވެލް އިމްތިހާނަށް ބަދަލުގެނެސްފައިވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާގުޅިގެންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޯވިޑް-19ގެ މި ދަނޑިވަޅުގައި މިފަދަ ސައްޙަ ނޫން މަޢޫލޫމާތުތައް ނުފެތުރުމުށް އިލްތިމާސްކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ޖޫންމަހު ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާން، ކޯވިޑް-19އާ ގުޅިގެން ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާނެކަމަށް ވިދާޅުވެފައެވެ.

މިގޮތުން އިނގިރޭސި ވިލާތުގެ ސްކޫލުތައް ބަންދުކޮށް ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ ހޫނުމޫސުން ކަމުގައިވާ މެއި ޖޫންގައި ދިނުމަށް ހަމަޖެހިފައިވާ އިމްތިޙާނުތައް ކެންސަލް ކުރިކަމުގައި ވީނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ޤައުމުތަކަށް ފޯރުކޮށްދޭ އިމްތިޙާނު (އިންޓަރނޭޝަނަލް އެގްޒެމިނޭޝަން) ތަކާމެދު އިމްތިޙާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައި ނުވާކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެފައި ވެއެވެ.

އަދި މިނިންމުމާއެކު ދިވެހިރާއްޖޭގެ ދަރިވަރުން 5 ޖޫންމަހު ހެދުމަށް ހަމަޖެހިފައިވާ އިމްތިޙާނުތައް ފަސްކުރުމާމެދު މިހާތަނަށް ގޮތެއްނިންމާފައި ނުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދަޅުވެފައެވެ.

ކޯވިޑް-19އާ ގުޅިގެން ސަރުކާރުންވެސް ވަނީ މިދިޔަ ހަފްތާއިން ފެށިގެން ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާފައެވެ. ޓެލެކިލާހުގެގޮތުގައި ހިންގާ މިކްލާސްތައް ހުސްވި ހަފްތާގައި ކުރިއަށް ގެންގޮސްފައިވީނަމަވެސް މިމަހުގެ 26ގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ނިންމާފައި ވާތީ ޓެލެކިލާސްތައްވެސް ވަނީ މެދުކަނޑާލާފައެވެ.