ޚަބަރު

ދިވެހި ރާއްޖޭގެ އެހީއަކީ ލިބުނު ހިތްވަރެއް - މޯދީ


ކޯވިޑް-19ގެ ސަބަބުން ޤައުމުތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ޤައުމުތައް ބައިވެރިވެގެން އުފައްދާ "ސައުތު އޭޝިއާ އެމަރޖެންސީ ރިލީފް ފަންޑް"އަށް ދިވެހިރާއްޖެއިން 200،000 (ދެލައްކަ) އެމެރިކާ ޑޮލަރު ހުށަހެޅުމަކީ ލިބިވަޑައިގެންނެވި ހިތްވަރެއްކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑު ވަޒީރުވަނީ ރާއްޖެއިން 200،000 (ދެލައްކަ) ޑޮލަރު ހުށަހެޅުމާ ގުޅިގެން އެކަން ފާހަގަކުރައްވައި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މިފަންޑަށް ރާއްޖޭގެ އިތުރުން ނޭޕާލުން ވަނީ 835,657 (އަށް ލައްކަ ތިރީސް ފަސް ހާސް ހަ ސަތޭކަ ފަންސާސް ހަތް) އެމެރިކާ ޑޮލަރު ހުށަހަޅާފައެވެ. އަދި ބޫޓާނުން ވަނީ 100,000 (އެއް ލައްކަ) އެމެރިކާ ޑޮލަރު ހުށަހަޅާފައެވެ.

މި އެމަރޖެންސީ ރިލީފް ފަންޑު އުފެއްދުމަށް އިންޑިއާއިން ވަނީ 10,000,000 (ދިހަ މިލިއަން) އެމެރިކާ ޑޮލަރު ހުށަހަޅާފައެވެ.

މި ފަންޑު އުފެއްދުމުގެ މަސައްކަތް ފަށާފައިމިވަނީ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީގެ އިސްނެންގެވުމަކަށެވެ. މިކަން ހަމަޖެހިފައިވަނީ ކޯވިޑް-19އާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން މިމަހުގެ 15ވަނަ ދުވަހު ސާކްގެ ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ބޭއްވެވި ވީޑިއޯ ކޮންފަރެންސަށް ފަހުގައެވެ.

ސާކްގެ ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ބޭއްވެވި ވީޑިއޯ ކޮންފަރެންސްގައި މޯދީވަނީ ސައުތު އޭޝިއާ އިމަރޖެންސީ ރިލީފް ފަންޑު ހުޅުމުގެ ގޮތުން އިންޑިޔާއިން އެފަންޑުގައި 10,000,000 (ދިހަ މިލިއަން) އެމެރިކާ ޑޮލަރު ހިމަނުއްވާނެކަން އިޢުލާނު ކުރައްވާފައެވެ. އަދި މިބަލީގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ލިބޭ ހީނަރުކަން ފޫބެއްދުމަށް ރީޖަނަލް ރިލީފް ޕެކޭޖެއް ތަޢާރަފުކުރުމާއި، ދިގު މުއްދަތުގެ ރިކަވަރީ ސްޓްރެޓަޖީއެއް އެކުލަވާލުމާ ބެހޭގޮތުންވެސް މި ކޮންފަރެންސްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ވީޑިއޯ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ކޯވިޑް-19އާ ކުރިމަތިލުމުގައި ކާމިޔާބީއަކާ ހަމައަށް ދެވޭނީ އެކުގައި ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކުރެވިގެންކަން ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. އަދި ސާރކްގެ ޤައުމުތަކުގެ ޞިއްޙީ ދާއިރާއަށް މިބަލީގެ ސަބަބުން އުފުލަންޖެހިދާނެ ބުރަ ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މުހިންމުކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.