ޚަބަރު

އިންޑިއާގައި ތިބި ދިވެހި ބަލިމީހުންގެ ޚަރަދުތައް އާސަންދައިން ބަލަހައްޓަނީ


އަވަށްޓެރި އިންޑިއާއަށް ގޮސްތިބި ދިވެހި ބަލި މީހުންނަށް އަނބުރާ ރާއްޖެ އާދެވެންދެން އެމީހުންގެ ޚަރަދުތައް އާސަންދައިގެ ދަށުން ބަލަހައްޓަން ނިންމަވައިފިއެވެ.

އާސަންދަ ކުންފުނިން ވިދާޅުވީ އާސަންދައިގެދަށުން އިންޑިއާއަށް ބެސްފަރުވާއަށް ގޮސްތިބި ދިވެހިންނަށް ރާއްޖެ އާދެވެންދެން އެމީހުންގެ ތިބުމާއި ކެއުމުގެ ޚަރަދު އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދައާއި އެންސްޕާ ގުޅިގެން ބަލަހައްޓާގޮތަށް ހަމަޖައްސާފައިވާކަމަށެވެ.

ކޯވިށް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އިންޑިއާއިން އަޅާ ފިޔަވަޅުތަކުގެ ދަށުން މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް، އިންޑިއާގެ އެއްވެސް އެއާޕޯޓަކަށް ބައިނަލްއަގުވާމީ ފްލައިޓްތައް ޖެއްސުން ވަނީ މަނާކޮށްފައެވެ. އެކަމާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަނުން އިންޑިއާއަށް ކުރަމުން ދިޔަ ދަތުރުތައް ވެސް ވަނީ ހުއްޓާލާފައެވެ. އިންޑިއާއަކީ ދިވެހިން ގިނަ ޢަދަދަކަށް ބޭސްފަރުވާއަށް ގޮސް އުޅޭ ޤައުމެކެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނިއުސް ކޮންފަރެސްގައި މަބްރޫކް ވަނީ ތަފާތު ބޭނުންތަކަށް އިންޑިއާއަށް ގިނަ ދިވެހިންތަކެއް ގޮސްފައިވާއިރު، އެ ގައުމުގެ އެއާޕޯޓުތައް ހުޅުވަންދެން އަމިއްލަ ޚަރަދުގައި ތިބުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން ފާޙގަކުރައްވާފައެވެ. އަދި އެފަދަ މީހުން ދެނެގަނެ އެ މީހުންނަށް ހުރުމާއި ބޭސްފަރުވާގެ ކަންކަން ދިވެހި ސަރުކާރުން ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަން ވަނީ ފާހގަކުަރއްވާފައވެ. އަދި ދިވެހިން ތިބި ބައެއް އެހެން ގައުމުތަކުގައި ވެސް މި މައްސަލަ ކުރިމަތިވެފައިވާކަމަށާއި އެ ގައުމުތަކުގައި ތިބި ދިވެހިންނާ މެދު ވެސް އަމަލުކުރަމުން އަންނަނީ މި ގޮތަށް ކަމަށް އެނާ ވަނީ ވިދާޅުވެފައެވެ.

ބޭރުގެ އެކި ޤައުމުތަކުގައި ދިރިއުޅެމުން އަންނަ ދިވެހިންނާއި އެޤައުމުތަކުން އެނބުރި ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިންނަށް ކޮންސިއުލަރ ޚިދުމަތް ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީއާއި ބޭރުގެ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ ރާއްޖޭގެ އެކި ޑިޕްލޮމެޓިކް މިޝަންތަކުން މަސައްކަތް ވަނީ ފަށާފައެވެ.