ޚަބަރު

މާލޭގެ އެކި ސަރަހައްދުތަކުގައި އަތްދޮވެވޭނެ އިންތިޒާމް ހަމަޖައްސައިފި


ކޯވިޑް 19 އިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތަކީ އާއްމު ސާފުތާހިރުކަމެވެ. އަދި މިވައިރަސްއިން ރައްކާތެރިވުމަށްޓަކައި ގިނަގިނައިން އަތްދޮންނަން ކަމާބެހޭ މާހިރުންވެސް ތަކުރާރުކޮށްދަނީ އިރުޝާދު ދެމުންނެވެ.

މިކަމަށް ބާރު އަޅާ ފަސޭހައިން އަތް ދޮވެވޭނެ ގޮތް ހެދުމަށް ފެން ކުންފުނިން ވަނީ ލޯކަލް މާރުކޭޓާއި މަސް މާރުކޭޓާއި ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައި އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސަވާފައެވެ.

މީހުން ގިނައިން ގޮސް އުޅޭ އެސަރަޙައްދުތަކުގައި، ކޮންމެ ތަނެއްގައި ވެސް އެމްޑަބްލިޔު އެސްސީންވަނީ އަތްދޮވެވޭ ގޮތަށް ހަ ތަށި ބަހައްޓާފައެވެ. އަތްދޮންނަ ތަށިތައް ބަހައްޓާފައިވާއިރު އެ ތަންތަނުގައިވަނީ އަތްދޮންނާނެ ގޮތްތަކާއި އޭގެ މުހިންމުކަން އަންގައިދޭ ޕޯސްޓަރުތައް ހަރުކޮށްފައެވެ. އެމްޑަބްލިއުއެސްސީން މި މަސައްކަތް ކޮށްފައިވަނީ އެކުންފުނީގެ އާއްމު އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.

މާލެކޭ އެއްފަދައިން ރަށްރަށުގައިވެސް މި ދަނޑިވަޅުގައި ވަނީ އަތްދޮވެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެގޮތުން ރަށަށް އަރާ ފައިބާ މީހުންނަށް އަތްދޮވެވޭނެ ގޮތް ހެދުމަށް ބަނދަރު ސަރަޙައްދުގައި މިފަދަ ވަޞީލަތްތައް ބެހެއްޓުމާއި އާއްމުން އެއްވެ އުޅޭ ތަންތަނުގައިވެސް އަތްދޮވެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އަތްތިލަ ސާފުކޮށް ބެހެއްޓުމަކީ އުނދަގޫކަމެއް ނޫނެވެ. އަތް ދޮންނަންވާނީ އެއްޗަކަށް އަޅާފައި ހުންނަ ފެނުގެ ބަދަލުގައި ފެން އިސްކުރަކުން ނުވަތަ އެހެން ގޮތަކުން ވިޔަސް ދައުރުވަމުން އަންނަ ފެނަކުންނެވެ. ފުރަތަމަ އަތް ތެންމާލުމަށްފަހު ދެން ސައިބޯނި ލައިގެންނެވެ. މި ގޮތަށް ދޮންނަމުން ދާއިރު ދެއަތް ދެއަތަށް އުނގުޅަމުން އިނގިލިތަކާއި ދެ އިނގިލި ދޭތެރެ އަދި ނިޔަފަތިތައްވެސް ނިޔަރޮދިތަކާއެކު ފަރުވާތެރިކަމާއެކު ދޮންނަންވާނެއެވެ.

އަތް ދޮންނަން 20ސިކުންތު ހޭދަކުރުމުން ފުދޭނެއެވެ. އަދި އަތްދޮވެ ނިމުމުން ސާފު ތުވާއްޔަކުން ފޮހެލަންވާނެއެެވެ.
ފެނުން އަތް ދޮވުމުގެ ބަދަލުގައި އަތް ސާފުކޮށް ބެހެއްޓުމަށް ހޭންޑް ސެނިޓައިޒަރ ބޭނުންކުރެވިދާނެ ކަމަށާއި ނަމަވެސް އެންމެ ރަނގަޅު ގޮތްކަމަށް ކަމާބެހޭ މާހިރުން ބުރަވަނީ ސައިބޯނިލައިގެން އަތް ދޮވުމެވެ.

ބޭރުން އައިސް ގެއަށް ވަދެއްޖެނަމަ އެންމެ ފުރަތަމަ އަތް ދޮވުމަކީ ތިމާއާއި ތިމާގެ އާއިލާއާއި މުޖްތަމައު، ރޯގާތަކުން ސަލާމަތް ކުރުމުގެ ގޮތުން ސިއްހީ ގޮތުން ކުރެވިދާނެ އެންމެ ރަނގަޅު އެއްކަންތަކެވެ.

އެމްޑަބްލިއުއެސްސީން މާލޭގެ އެކި ސަރަޙައްދުތަކުގައި އަތްދޮވެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާއިރު ސިޓީ ކައުންސިލުންވެސް މާލޭގެ މަގުތައް ކުލޮރިން އަޅައިގެން ސާފުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.