ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ރާޢްޖޭގައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައިވާތީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޓެކުހާއި އެހެނިހެން ފައިސާ ނުދެއްކިވާ ފަރާތްތަކަށް، ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން އެ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކޭނެ އިންތިޒާމް މީރާއިން ހަމަޖައްސައިދީފިއެވެ.
މިކަމާއި ގުޅޭގޮތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ، މިހާތަނަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް ހަމަޖައްސައިދީފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ 3 މަސްދުވަހުގެ މުއްދަތަށް ފަސްކޮށްދީފައިވާ ކަމަށެވެ.
މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫންމަހުގެ ނިޔަލަށެވެ.
މީގެ އިތުރުން، 1 ޑިސެންބަރު 2019 އިން ފެށިގެން 28 ފެބުރުވަރީ 2020 އަށް، ޚާއްސަ އިނާޔަތެއްގެ ގޮތުން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް ހަމަޖައްސަމުންދިޔަ ލުއިތަކާއެކު އިންސްޓޯލްމަންޓް ތަކަކަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުޞަތުވެސް މިއަހަރުގެ ޖޫންމަހުގެ ނިލަޔަށް މީރާއިން ވަނީ އިތުރުކޮށްދީފައެވެ.
އެގޮތުން މި މުއްދަތު ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އާންމުކޮށް އިންސްޓޯލްމަންޓް ދިނުމުގައި ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށްވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެގްރިމަންޓަކަށް އާދެވޭނެ އިންތިޒާމާއި، އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދެވޭ މުއްދަތަށްވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެމުއްދަތު ދެވޭގޮތަށް ހަމަޖެހިފައިވާނެކަމަށްވެސް މީރާގެ އިޢުލާނުގައިވެއެވެ.