ވިޔަފާރި

މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ ފުރަތަމަ ބޯޓު މިމަހުގެ 30ވަނަ ދުވަހު ރާއްޖެއަށް އަންނާނެ- ރައީސް


މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ ފުރަތަމަ ބޯޓު މިމަހު ތިރީސްވަނަ ދުވަހު ރާއްޖެއަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޝިޕިންގލައިނާގެ ޙިދުމަތް ފެށުމަށްޓަކައި އުފައްދާފައިވާ މޯލްޑިވްސް ސްޓޭޓް ޝިފިންގ، އެމްއެސްއެސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފެންޏެކެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަފާތު ވިޔަފާރިތައް ރާއްޖޭގައި ފުޅާކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ސްޓޭޓް ޝިފިންގގެ ފުރަތަމަ ބޯޓު މިމަހުގެ ތިރީސްވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެސްޓީއޯއިން ސަބްސިޑަރީ ކުންފުންޏެއް ހަދައިގެން، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ނަމުގައި، އޭގެ ފުރަތަމަ ބޯޓު އަންނާނެ މިމަހުގެ ތިރީސްވަނަ ދުވަހު، މިއާ އެކު މިކަމަށް އިންވެސްޓުކޮށް އަނެއްކާވެސް، ކުރީގަ އޮތް ޝިފިންގެ ފަޙުރުވެރި ތާރީޚް އަނބުރާ ގެނައުމަށް މަސައްކަތް ކުރާނަން" ރައީސް ވިދާޅުވިއެވެ.

އެސްޓީއޯގެ އަމިއްލަ ޝިޕިންލައިނަކާއެކު ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް އެކުންފުނިން ލަފާކުރެއެވެ. މީގެ އިތުރުން ނުއަގުގައި ބޭރުގެ އާގުބޯޓުތައް ބޭނުންކޮށްގެން ރާއްޖެއަށް މުދާ ގެނައުމުގައި ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވެގެންދާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ރައީސް މިކަން އިޢުލާން ކުރުމާއިއެކު އެސްޓީއޯއިންވެސްވަނީ މިކަމާއި ގުޅޭގޮތުން ޓުވީޓެއް ކޮށްފައެވެެ. އެގޮތުން އަންނަ ހަފްތާތެރޭ އެކުންފުނީގެ ފުރަތަމަ ކޮންޓެއިންނަރ ވެސަލް ރާއްޖެއަށް އަންނައިރު، މިއީ ދިވެހި ޝިޕިންގލައިންގެ ޙިދުމަތް އަލުން ފެށުމަށް ކުރަމުންދާ މަސައްކަތުގައި މުޙިއްމު ފިޔަވަޅެއްގެ ގޮތުގައި އެސްޓީއޯއިން ސިފަކުރެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޝިޕިންގލައިނެއް އުފެއްދީ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައެވެ.

މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް، އެމްއެންއެސްއެލްގެ ނަމުގައި ގިނަ އަހަރުތަކެއް ވަންދެން ކުންފުނި ހިންގުމަށްފަހު ކުންފުނި ހުއްޓާލީ ދަރަނި ބޮޑުވުމާއި ގުޅިގެންނެވެ.

ގާތްގަނޑަކަށް 70 މިލިއަން ޑޮލަރުގެ ގެއްލުމަކާއެކު މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް، ބަނގުރޫޓުވެ 2012 ވަނަ އަހަރު ކުންފުނި އުވާލެވުނެވެ. އޭރުވެސް ކުންފުނީގެ ނުދައްކާ ހުރި ދަރަނި 2.5 މިލިއަން ޑޮލަރަށް އަރައެވެ.

މި ކުންފުނި އުވާލުމާއެކު ޝިޕިން ކޯޕަރޭޝަން އޮފް މޯލްޑިވްސް، އެސްސީއެމްގެ ނަމުގައި އާ ޝިޕިން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ވެސް އޭރުގެ ސަރުކާރުން ކުރިއެވެ. އެހެންނަމަވެސް އެމްއެންއެސްއެލްގެ ފަހުން ސަރުކާރުން ޝިޕިންގލައިންގެ ވިޔަފާރިކޮށްފައެއްނުވެއެވެ.

އެސްޓީއޯއިން ޝިޕިންގލައިންގެ ވިޔަފާރިއަށް ފަށާފައިވާއިރު، އޭރު އެމްއެންއެސްއެލް ކުންފުނި ބަނގުރޫޓުވުމަށް ދިމާވީ ބަނދަރުގެ ދަތިކަމާއި ޝިޕިންގ މާކެޓަށް އޭރު އައި ބަދަލުތަކަށް އެކުންފުނި ތައްޔާރުނުވެ އޮތުމުގެ ސަބަބުންކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އެސްޓީއޯއިން ޝިޕިންގލައިންގ ވިޔަފާރިއަށް ވަންނާނީ ފުރިހަމަ ތައްޔާރީތަކާއެކުކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.