ރާއްޖޭގެ މައި އެއަރޕޯޓުގެގޮތުގައި އޮތް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)އަކީ މިސަރަޙައްދުގައިވެސް އޮތް އެންމެ ބާރުބޮޑު އެއް އެއަރޕޯޓެވެ. ދުވާލެއްގެ މައްޗަށް އެތައް އިންޓަރނޭޝަނަލް ފްލައިޓަކާއި ޑޮމެސްޓިކް ފްލައިޓަކާއި ޕްރައިވެޓް ޖެޓްތައް ވީ.އައި.އޭއަށް ޖައްސާއިރު، އެތައް ސަތޭކަ ބަޔަކު ކޮންމެދުވަހަކުވެސް މި އެއަރޕޯޓުން ޚިދުމަތް ހޯދައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރާއްޓެވެ. އެ ދޮރާށިން ކޮންމެ ދުވަހަކު އެތަކެއް ސަތޭކަ ފަތުރުވެރިން ރާއްޖެއާދެއެވެ. ކޮންމެ އަހަރަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު މިލިޔަނުން ގުނާލެވޭއިރު، އެއެންމެނަށް އެއަރޕޯޓުން ލިބެންޖެހޭ ހުރިހާ ޚިދުމަތެއް އެންމެ މަތީ ފަންތީގައި ފޯރުކޮށްދޭ ބިޒީ އެއަރޕޯޓަކީ މިތަނެވެ. މިތަނުގެ ބިޒީކަމުން ބައެއް ފްލައިޓުތައް ރަންވޭއަށް ނުޖެއްސި މަތީގައި ގިނައިރު މަޑުކުރަންޖެހޭ ޙާލަތުވެސް ބައެއްފަހަރު އާދެއެވެ.
އެހެންނަމަވެސް ކޯވިޑް-19އާ ގުޅިގެން މުޅި ދުނިޔެއަށް ދިމާވެފައިވާ ސިއްޙީ މުސީބާތާއެކު މި ބިޒީ އެއަރޕޯޓު މިވަނީ ފަޅުވެފައެވެ. ކޯވިޑް-19 އިން ރައްކާތެރިވުމަށް ޤައުމުތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު ޤައުމުތަކުން ވަނީ ދަތުރުފަތުރުކުރުންތައް ވެސް ހުއްޓާލާފައެވެ. ޤައުމުތަކުން މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ރާއްޖެއަށް ފަތުރުވެރިން އައުންވެސް ވަނީ ހުއްޓުމަށް އައިސްފައެވެ.
މިއަދު ވީއައިއޭގެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ފުރާނެ އެކަކުވެސް ނެތެވެ. އެރޕޯޓު ހުހަށް އޮތްއިރު ޓޮމެސްޓިކް ޓާރމިނަލް އިންވެސް ފެންނަނީ ފަޅުކަމާއި ހަމަހިމޭންކަމެވެ. ރާއްޖެއަންން އޮތް ގިނަ ފްލައިޓްތައްވެސް ވަނީ ކެންސަލްކޮށްފައެވެ.
އެއަރޕޯޓުގައި ޤާއިމްކޮށްފައިވާ ކެފޭ ރެސްޓޯރެންޓްތައް ހިމެނޭ ސަރަހައްދުތައްވެސް އޮތީ ފަޅަށެވެ. މީގެ އިތުރުން ސީ ޕްލޭން ޓިކެޓް ކައުންޓަރުތަކާއި އެކި ރިސޯޓުތަކުން އެއަރޕޯޓްގައި ޤާއިމްކޮށްފައިވާ ޑެސްކްތައްވެސް އޮތީ ފަޅަށެވެ. މުޅި އެއަރޕޯޓުން ހަމައެކަނި ފެންނަމުންދަނީ އެއަރޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.
އެއަރޕޯޓް މިހާރު މިފަދަ ހާލަތެއްގައި މިހާރުވެސް އޮތްއިރު ހުކުރު ދުވަހުންފެށިގެން އޮންއެރައިވަލް ވިސާ ދިނުންވެސް މެދުކަނޑާލަން ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއާއެކު އެއަރޕޯޓުގެ ފަޅުކަން އިތުވެގެންދާނެއެވެ.
ކޯވިޑް-19ގެ ނުރައްކާ ދުނިޔެއަށް ބޮޑުވަމުންދިއުމާއެކު ދިވެހިރާއްޖެއިންވެސް ރައްކާތެރިވުމުގެ ގޮތުން އެޅި އެންމެ ފުރަތަމަ ފިޔަވަޅަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއަށް އެތެރެވާ މީހުން މި ބައްޔަށް ސްކްރީންކުރުމުގެ މަސައްކަތެވެ. އެގޮތުން ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓުތަކާއި، ސީޕޯޓުތަކުގައި ތާމަލްކެމެރާ ބަހައްޓައިގެން ސްކްރީން ކުރަންވަނީ ފަށާފައެވެ. އަދި ބައްޔަށް ޝައްކުކުރެވޭ ޢަލާމާތްތައް ފެންނަ ފަރާތްތައް ވަކިން ބޭތިއްބުމަށް އެއަރޕޯޓުގައި އައިސޮލޭޝަން ފެސިލިޓީއެއްވެސްވަނީ ޤާއިމުކޮށްފައެވެ.
މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ޑިސްއިންފެކްޓްވެސް ވަނީ ކޮށްފައެވެ. މިއީ ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުންނާއި، އެއަރޕޯޓުގެ ޚިދުމަތް ހޯދާ ފަރާތްތަކާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮށްފައިވާ މަސައްކަތެކެވެ.