ވިޔަފާރި

ސްރީލަންކާއަށް މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކުގެ ދަތުރުތައް މިއަދު ފެށުމަށް ނިންމައިފި


ރާއްޖެއިން ބޭރުން މުދާ ގެންނަން ބޭނުންވާ ވިޔަފާރިވެރިންނަށް، މުދާގެނައުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން ކާގޯ ފްލައިޓުތަކުގެ ދަތުރުތައް މިއަދު ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ ސްރީލަންކާގެ ކޮލޮމްބޯއަށް އެއަރލައިންގެ ކާގޯ ދަތުރުތައް ކޮންމެ އާދީއްތަ ދުވަހެއްގައި ދަތުރުތައް ކުރާނެ ކަމަށެވެ.

ސްރީލަންކާއަކީ ގިނަ އަދަދަކަށް ރާއްޖެއަށް ތަރުކާރީއާއި މޭވާ ގެންނަ ޤައުމެކެވެ. މި ފަށާ ދަތުރުތަކާއި އެކު ރާއްޖޭގެ ވިޔަފާރިވެރިންނަށް އެޤައުމުން މުދާ ގެނައުމަށް ފަސޭހަަވެގެންދާނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ އެއަރލައިންތަކުންވަނީ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައެވެ. މިއާއެކު ވައިގެ މަގުން ރާއްޖެއަށް މުދާ ގެންނަ ވިޔަފާރިވެރިންނަށްވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން ވަނީ 5 މަންޒިލަކުން ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް ޗާޓަރ ދަތުރުތަކެއް ބޭއްވުމަށް ނިންމާފައެވެ.

އެ 5 މަންޒިލަކީ:
ކޮލޮމްބޯ
ޓްރިވެންޑްރަމް
ޗެންނާއީ
ބެންކޮކް
ދުބާއީ

މިއީ ދިވެހިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ ގެންނަ ޤައުމުތައްކަން ފާހަގަކޮށްލެވެއެވެ. މޯލްޑިވިއަންއިން ބުނީ ޑިމާންޑަށް ބެލުމަށްފަހު އިތުރު މަންޒިލްތަކަށްވެސް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށެވެ.