ސްރީލަންކާއިން ރާއްޖެއަށް 10 ޓަނުގެ މުދާ މޯލްޑިވިއަންގެ ކާގޯ ފްލައިޓުގައި ގެނެސްފިއެވެ.
މޯލްޑިވިއަނުން އަލަށް ކަގޯ ފްލައިޓުތަކުގެ ދަތުުރުތައް ފުރަތަމަކޮށްފައި މިވަނީ ސްރީލަންކާއަށެވެ. ސްރީލަންކާއަށް މިއަދު ކުރި ދަތުރުގައި ގެނެސްފައިވާ މުދާތަކުގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ސިއްޙީ ބައެއް ސާމާނުކަމަށް މޯލްޑިވިއަނުން މަޢުލޫމާތުދެއެވެ.
މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާއްޖެއިން ބޭރުން މުދާ ގެންނަން ބޭނުންވާ ވިޔަފާރިވެރިންނަށް މޯލްޑިވިއަނުން އެފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ރާއްޖެއިން ބޭރުން މުދާ އެތެރެކުރުމަށް ފްލައިޓްތައް އޮޕަރޭޓްކުރަން ހަމަޖެހިފައިވާ ޝެޑިއުލްވެސް ވަނީ އާއްމުކޮށްފައެވެ.
5 މަންޒިލަކަށް މޯލްޑިވިއަނުން ކާގޯ ފްލައިޓުތަކުގެ ދަތުރުތައް ކުރުމަށްވަނީ ހަމަޖެހިފައެވެ.
މޯލްޑިވިއަނުން ވަނީ ކޮންމެ އާދިއްތަ ދުވަހަކު ލަންކާއަށް ކާގޯ ދަތުރުކުރުމަށް ނިންމާފައެވެ. މޯލްޑިވިއަނުން އާއްމުކޮށްފައިވާ ޝެޑިއުލްގައިވާގޮތުން ދެން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު ޓްރެވިއެންޑްރަމް އަށާއި ޗެންނާއީއަށެވެ.
އެއަށްފަހު އަންނަމަހުގެ ބުރާސްފަތި ދުވަހު ބެންކޮކްއަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާއިރު، އަންނަ ހުކުރު ދުވަހު ދުބާއީއިން މުދާ ގެނައުމަށް މޯލްޑިވިއަނުން ދަތުރުު ކުރާނެއެވެ.
ރާއްޖެއަށް މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން މި ބާއްވާ ޗާޓަރ ކާގޯ ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު އިތުރު މަންޒިލްތަކަށްވެސް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މުދާ އުފުލުމަށް ޗާޓަރ ދަތުރުތައް ކުރުމަށް މޯލްޑިވިއަނުން ނިންމާފައިވާ މިވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާތީ ގިނަ އެއަރލައިންތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.