ވިޔަފާރި

ކޯވިޑް-19: އެޗްޑީސީ ފްލެޓްތަކުގެ ދެމަހުގެ ކުލިން %30 އަށްވާ ފައިސާ ދެއްކުން ފަސްކޮށްދީފި


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ދޫކޮށްފައިވާ ފްލެޓާއި، ގޯތިތަކާއި، ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި ސިނާޢީ ބިންތަކަށް އެއްބަސްވުމުގެ ދަށުން މިއަހަރުގެ އޭޕްރީލް މަހާއި މޭ މަހު ދައްކަންޖެހޭ ކުލީގެ ތިރީސް އިންސައްތައަށްވާ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެޗްޑީސީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން، ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭނުގެ ދަށުން ފަރުދުންނާއި، ވިޔަފާރިތަކަން ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެކޯޕަރޭޝަނުން ދޫކޮށްފައިވާ ފްލެޓް، ގޯތިތައް، ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި ސިނާޢީ ބިންތަކަށް އެއްބަސްވުމުގެ ދަށުން މިއަހަރުގެ އޭޕްރީލް މަހާއި މޭ މަހު ދައްކަންޖެހޭ އިންސްޓޯލްމަންޓް ކުލީގެ ތިރީސް އިންސައްތަ އަށްވާ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން މި ދެ މަހުގެ ކުއްޔަށްވާ ފައިސާގެ %30 ތިރީސް އިންސައްތަ ދެއްކުން ފަސްކޮށްދެވޭނީ، އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތަކުގެ ތެރެއިން، މިކަމަށް އެދި އެ ކޯޕަރޭޝަނަށް ފޯމު ހަށަހަޅާ ފަރާތްތަކަށެވެ.

އަދި ފޯމް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް، އެއްބަސްވުމާ އެއްގޮތަށް މިއަހަރުގެ އޭޕްރީލް މަހާއި މޭ މަހުގެ ޖުމްލަ ކުއްޔަށްވާ ފައިސާ އެ ކޯޕަރޭޝަނަށް ޖަމާވެފައިވާނަމަ، ކޮންމެ މަހެއްގެ ކުއްޔަށްވާ ފައިސާގެ ތިރީސް އިންސައްތަ އަނބުރާ ރައްދުކޮށްދެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ފަސްކުރުމަށް ހަމަޖެހިފައިވާ އެޕްރީލް މަހާއި މެއި މަހުގެ ކުލީގެ %30 އެ ކޯފަރޭޝަނަށް ދެއްކުމަށް 12 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތެއް އެކަމަށް އެދޭ ފަރާތްތަކަށް ދެއްވުމަށްވެސް އެޗްޑީސީންވަނީ ނިންމަވާފައެވެ. މީގެއިތުރުން އެއްބަސްވުމުގެ ދަށުން ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ ޤަވާއިދުން ފައިސާ ނުދެއްކޭ ފަރާތްތަކުން އެކަމަށް އެދި އެ ކޯޕަރޭޝަނަށް ހުށަހެޅުމުން، އެ ކޯޕަރޭޝަނުން ޢަމަލު ކުރަމުންދާ ޑެޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން ފައިސާ ދެއްކުމަށް ފުރުސަތު ދެވޭނެކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ.

މިކަމަށް އެދޭ ފަރާތްތަކުން ކޯވިޑް 19 އާއި ގުޅިގެން ފައިސާ ދެއްކުން ލަސްކުރުމަށް ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު އޭޕްރީލްމަހުގެ 10 ވަނަ ދުވަހުގެ 12 ގެ ކުރިން އެޗްޑީސީން މިކަމަށް ހާއްސަކޮށްފައިވާ އީމެލަށް ފޮނުވުމަށް އެޗްޑީސީން އެދިވަޑައިގަންނަވައެވެ.

އެޗްޑީސީން ވިދާޅުވީ އެ ކޯޕަރޭޝަނުން ހައުސިންގ ލޯނުގެ ގޮތުގައި އާއްމުފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް އިސްލާމިކް ސްކީމްތަކަށް ބަދަލު ކުރުމުގު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އިސްލާމިކް ސްކީމްގެ ދަށުން ފައިސާ ދައްކަންޖެހޭ ތާވަލަށް ގެނެވޭ ބަދަލުގެ ސަބަބުން ކޮންޕައުންޑް އިންޓްރެސްޓް ނާރާނެ ކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ.