ވިޔަފާރި

ކޯވިޑް-19: އާރު.އޯ.އެލްގެ ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސް ހިލޭ ދެނީ


ރާއްޖޭގައި އިިންޓަރނެޓުގެ ޙިދުމަތް ދެމުންދާ އެއްކުންފުނި އާރް.އޯ.އެލްގެ ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސް ހިލޭ ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

މިއީ ކޯވިޑް-19 އާއި ގުޅިގެން އިންޓަރނެޓުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން އެދިވަޑައިގެންފައި ވާތީ، އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖެ އޮންލައިން، އާރް.އޯ.އެލްގެ ފަރާތުން އެ ކުންފުނީގެ "ގިގަ-ފައި ހޯމް ފައިބަރ ބްރޯޑްބޭންޑް" ކަސްޓަމަރުންނަށް ދޭ ލުޔެކެވެ.

އާރް.އޯ.އެލް އިން މައުލޫމާތު ދޭ ގޮތުގައި، މި މަހު ހޯމް ފައިބަރ ބްރޮޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސް ހިލޭ ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން، އެ ކުންފުނީގެ %75 ކަސްޓަމަރުންނަށް %100 އާއި %200 އާ ހަމައަށް އިތުރު ހިލޭ ޑޭޓާ އެލަވަންސް ލިބިގެންދާނެކަމަށް އާރް.އޯ.އެލް އިން ހާމަކުރެއެވެ.

މި ކަމާ ގުޅިގެން އާރް.އޯ.އެލް ގެ ސްޕޯކްސްޕާރސަން، މުއައްޒިން ނަޢީމް ވިދާޅުވިގޮތުގައި، މިއީ ގައިދުރުވެ، ގޭގައި ތިބުމަށް ބާރުއަޅައި، ސަރުކާރުގެ އެއްބާރުލުމާއެކު އާރް.އޯ.އެލް އިން ކަސްޓަމަރުންނަށް ދޭ ލުއި ފަސޭހައެކެވެ. އަދި، މި ފަދަ ދަނޑިވަޅެއްގައި، އާރް.އޯ.އެލްގެ ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުނިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ ކުރިންވެސް، ކޯވިޑް-19 އާ ގުޅިގެން އާރް.އޯ.އެލް އިން ވަނީ އެ ކުންފުނީގެ "ގިގަ- ފައި ހޯމް ފައިބަރ ބްރޮޑްބޭންޑް"ގެ އެޑް-އޯން ޕެކޭޖުތަކުގެ އަގުން %50 އަގުހެޔޮކޮށްދީފައެވެ. މީގެ އިތުރުންވެސް، މި ދުވަސްވަރާ ދިމާކޮށް އެކިއެކި އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން މަސައްކަތްކުރަމުންދާކަމަށް އާރް.އޯ.އެލްއިން ވަނީ ބުނެފައެވެ.