ވިޔަފާރި

"ރާއްޖޭގެ ފަތުރުވެރިކަން މިއަހަރު %50 އާއި %37 ދެމެދަށް ދަށްވާނެ"


މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން ބޮޑުތަނުން ދަށްވާނެކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ މިހާރު ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތަށްބަލައި ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު %37 އާއި %50 އާ ދެމެދުގެ ޢަދަދަކަށް ދަށަށް ދާނެކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މިއީ އަންނާނެކަމަށް އެއްވެސްވަރަކަށް އަންދާޒާވެސް ކުރެވުނު ޙާލަތެއް ނޫންކަމަށާ، މުޅި ދުނިޔެއަށް ދިމާވި ކުއްލި ޙާލަތެއްކަމަށެވެ. މިދަނޑިވަޅުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެކަން މިނިސްޓަރ ވިދާޅުވިއެވެ.

"ޓޫރިސްޓް އެރައިވަލްސްވެސް މިދިޔަ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް %50 އާއި %37 އާ ދެމެދަށް ދަށްވުމަކީ އެކަށީގެންވާ ކަމެއް" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

2019ވަނަ އަހަރު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ޢަދަދަކީ 1.7 މިލިއަނެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރި އަހަރުކަމަށެވެ. އެއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު %14.7 ގެ ކުރިއެރުމެކެވެ.

2019ވަނަ އަހަރު ފަތުރުވެރިކަމުގައި ރާއްޖެ ހޯދި ކާމިޔާބީއަށްބަލައި މިއަހަރު ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންގެ ޢަދަދު 2 މިލިއަނަށް އެރުވުމަށް ސަރުކާރުން އަމާޒުހިފިއެވެ. ނަމަވެސް ކޯވިޑް19އާ ގުޅިގެން މުޅި ދުނިޔޭގެ ފަތުރުވެރިކަމަށްވެސް ބޮޑު ހީނަރުކަމެއް ވަނީ އައިސްފައެވެ. ކޯވިޑް-19ގެ ސަބަބުން މިއަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ބޮޑުތަނުން ދަށްވާނެކަމަށް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޑަބްލިއުޓީއޯ)އިން ވެސް ވަނީ ހާމަކޮށްފައެވެ.