ވިޔަފާރި

ކޯވިޑް-19: އަންނަ ހަފްތާގައި ދަމަނަ ވެށިން ޙިދުމަތް ދޭނީ ހަފްތާގެ ތިން ދުވަހު


ކުރިއަށް އޮތް ހަފްތާ ތެރޭ ދަމަނަ ވެށިން ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ދަމަނަ ވެށިން ކޮށްފައިވާ ޢިއުލާނެގައި ބުނެފައިވަނީ 18 އަހަރުން ދަށުގެ ކުދިންނަށް ޤައުމީ ވެކްސިން ތާވަލުގައި ހިމެނޭ ވެކްސިންތައް ދިނުމާއި އެކުދިންނަށް ޑޮކްޓަރުން ލިޔެދީގެން ޖަހާ އެހެނިހެން ވެކްސިންތައް ޖަހައިދިނުމަށް ހަމަޖެހިފައިވަނީ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 މެންދުރު 13:00 އަށް ކަމަށެވެ.

މީގެ އިތުރުން ފްލޫ ވެކްސިން ޖެހުމަށް ބޭސް ސިޓީ ހައްދައިދިނުމާއި، ފްލޫ ވެކްސިން ޖަހައިދިނުންވެސް މިގަޑިތަކުގައި ކުރިއަށްދާނެ ކަމަށް ދަމަނަވެށިން ބުނެއެވެ.

ފްލޫ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ޑޮކްޓަރުގެ ސިޓިއާއެކު ވެކްސިން ގަނެގެން އައުމުންނެވެ. ވެކްސިން ޖެހުމުގެ ފީއަށް ދިވެހިންނަށް 10 ރުފިޔާ އަދި ބިދޭސީންނަށް 20 ރުފިޔާ ނަގައެވެ.

މި ޚިދުމަތްތައް ފިޔަވާ އިތުރު ޚިދުމަތްތައް ދަމަނަ ވެށިން ވަނީ މިހާރު ވަގުތީގޮތުން މެދުކަނޑާލާފައެވެ.